މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ގެއްލުނު ރޭ، އޭނާ ރަހީނު ކޮށްގެން ރަތް ކާރަކަށް އަރުވައިގެން ގެންދިޔައީ، މުހައްމަދު މުނާޒު (މުނާއްކޮ)، އާލިފު ރައޫފު އަދި ޝައްފާފު ކަން ހާމަވެއްޖެއެވެ.

މަރާލެވިފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ހާމަ ކުރި ތަހުގީގު ރިޕޯޓުން ގިނަ މައުލޫމާތު ތަކެއް ވަނީ ހާމަވެފައެވެ. އެގޮތުން އެ ރިޕޯޓްގައިވާ ގޮތުން، ރިޟްވާން ގެއްލުވާލި ރޭ އޭނާ ރަހީނު ކުރުމަށް ގެންދިޔަ ރަތް ކާރު ދުއްވަން އިނީ މުނާއްކޮއެވެ. އަދި ކުރީ ސީޓުގައި އާލިފު އިން އިރު، ފަހަތު ސީޓުގައި އިނީ ޝައްފާފުއެވެ.

ރިޟްވާން ރަހީނު ކޮށްގެން އަރުވަގެން ދިޔަ ރަތް ކާރުގައި ތިބި ތިން މީހުންގެ އިތުރުން، އެ ކާރުގެ ފަހަތުން ސައިކަލުގައި ދިޔަ މީހުންގެ ތެރޭގައި ސ. ހުޅުދޫއަށް ނިސްބަތްވާ މުހައްމަދު ސުވައިދު، ޏ.ފުވައްމުލަކަށް ނިސްބަތްވާ ޝަބީނިއޯ އަދި ސޮލާހު ހިމެނެއެވެ. މީގެ ތެރެއިން ސޮލާހް އަދި ޝަބީނިއޯ ވަނީ ސީރިއާ އަށް ފުރައިގެން ގޮސްފައެވެ.

މަރު ކޮމިޝަނަށް ސިއްރު ހެކިވެރިން ދީފައިވާ ހެކިންނާއި، ފުލުހުން ދީފައިވާ ސީސީޓީވީ ފޫޓޭޖް ތަކުން ހާމަވާ ގޮތުގައި ރިޟްވާން ގެއްލުވާލި ރޭ، 10 އިން ފެށިގެން އޭނާ މާލެ އިން ހުޅުމާލެއަށް 1:00 ގައި ދާ ފެރީ އަށް އެރަންދެން އޭނާއަށް ދެމީހަކު ފާރަލަމުން ދުއްވަމުން ދިޔައެވެ. ރިޟްވާނަށް ފާރަލަމުން ދިޔަ ދެ މީހުންނަކީ، ސުވައިދު އަދި މުހައްމަދު ހާމިދު އެވެ.

މީގެ އިތުރުން، އެ ރިޕޯޓުގައި ވާ ގޮތުން ރިޟްވާން ކަނޑު ފެއްތީ އޭނާގެ ބޯ ބުރިކޮށްލުމަށް ފަހުއެވެ. އަދި އެކަން ކުރުމަށް އޭނާ އެރުވި ކަނޑުމަތީގެ އުޅަނދަކީ ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ އއ. އުކުޅަހު ދޯންޏެކެވެ. ރިޟްވާން ގެއްލުވާލިތާ، 5 އަހަރު ވީފަހުން އޭނާ މަރާލާފައިވާ ކަމަށާއި، އޭނާ މަރާލާފައިވާ ގޮތް އަދި އޭނާ މަރާލީ ކޮން ބަޔަކު ކަން މިވަނީ ހާމަ ވެފައެވެ.