މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލުމުގެ މައްސަލާގައި 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މަރާލެވިފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ އެދުމުގެ މަތިން 14 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިދިޔަ އާދިއްތަ ދުވަހު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިޟްވާންގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފްސީލީ ވާހަކަތަކެއް ހާމަ ކުރައްވާފައެވެ. އަދި އެ މައްސަލައާ ގުޅޭ މީހުންގެ ޕާސްްޕޯޓު ހިފަހެއްޓުމަށް އެދިފައިވާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވީ ނަމަވެސް އެއީ ކިތައް މީހުން ކަމެއް އެ ކޮމިޝަނުން އޭރު ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ސުއޫދު ހާމަކޮށްފައިވާ ގޮތުގައި ހަރުކަށި ޖަމާއަތަކުން ރިޟްވާން ވަގަށް ނަގައި ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި ވަނީ މަރާލާފައެވެ. ރިޟްވާން މަރަލާފައިވާ ކަމަށް ނިންމަފައިވަނީ އޭނާ ގެއްލުވާލިތާ ފަސް އަހަރު ފަހުންނެވެ. ރިޟްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ރިޟްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ. ރިޟްވާން މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ސީރިޔާގެ ހަނގުރާމައަށް ގޮސްފައި ކަމަށް ބުނެއެވެ.