ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ހަތަރު ވަނަ އަޑުއެހުން މިއަދު ފަށައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮތް އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައި ވާތީއެވެ. ދައުލަތުން ބުނާ ގޮތުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން ހޯދާފައިވާ ފައިސާ ކަމަށް ބެލެވެ އެވެ. އެގޮތުން އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑަރިންގެ މައްސަލާގައި، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހެކިބަސް ދީފައެވެ.

މި ދިޔަ މަހުގެ 22 ވަނަ ދުވަހު މި ޝަރީއަތުގެ ތިންވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު. އެ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދެވެ. ދެވަނަ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާޒިރު ކޮށްފައިވާއިރު، ތިންވަނަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރީ، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުއެވެ. ތިން ވަނަ އަޑުއެހުން ނިންމާލަމުން މައްސަލަބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ 3 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ވިދާޅުވޭ...