މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލައިގައި، އެ ކުށުގައި ބައިވެރިވި ފަރާތްތަކަށް ދައުވާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މަރުގެ މައްސަލަތައް ބަލަމުންދާ ކޮމިޝަނާއެކު މަސައްކަތް ފަށައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ރިޟްވާންގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނާއެކު "ވޯކިން" ލެވަލެއްގައި މިއަދު މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މައްސަލަ ރަސްމީކޮށް ޕީޖީ އޮފީހަށް ހުށަހެޅުމުން އިންސާފު ގާއިމު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން ޕީޖީން ވަނީ ދީފައެވެ.

ރިލްވާންގެ މައްސަލާގައި މަރު ކޮމިޝަނުން ކުރި ތަހުގީގުން ހޯދުނު މައުލޫމާތުތައް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން މަރާލީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ކަމަށެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ގަދަކަމުން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކަށް އެރުވިކަމަށެވެ. އަދި ޑިންގީގައި އޭނާ ގެންދިޔައީ ހުޅުމާލެ ކައިރި ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އެ އުޅަނދުގައި ރިޟްވާނަށް ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާ ކަމަށެވެ.