ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ވީވީއައިޕީ މޮޓޯކޭޑުގެ އިސް ސަފަށް އަރާ އަންހެން ފުލުހުން ފަހުރުވެރިކޮށްފިއެވެ.

މީ ފުލުހުންގެ ވީވީއައިޕީ މޮޓޯކޭޑުގައި އަންހެން ފުލުހެއް ފެނުނު ފުރަތަމަ ފަހަރެވެ. ފުލުހުންގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ޓްވީޓްކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ ޕޮލިސް ލާންސްކޯޕަރަލް އަލީނާ މޫސާއެވެ. އަދި މިއީ ވީވީއައިޕީ މޮޓޯކޭޑުގެ އިސް ސަފުގައި އަންހެން ފުލުހެއް ބައިވެރިވީ ފުރަތަމަ ފަހަރު ކަމަށާއި، އަލީނާ ދެއްކި ނަމޫނާއަށް ފުލުހުން ވަނީ ހިތްވަރު ދީފައެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އަލީނާ ވީވީއައިޕީ މޮޓޯކޭޑުގެ އިސް ސަފުން ފެނިގެން ދިއުމަކީ އަންހެނުންނަށް ވެސް މިފަދަ ކަންކަން ކުރެވިދާނެ ކަން ދައްކުވައިދިން ރީތި ނަމޫނާއެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ޒަމާން ތަރައްގީވެގެން އަންނަ އިރު އަންހެނުން މިފަދަ އެކި ދާއިރާތަކުން ކުރިއަރައިގެން ދާކަން ވަނީ ފާހަގަވެފައެވެ. އަންހެނުންނަކީ ވެސް ކޮންމެ މަސައްކަަތެއްވެސް ކުރެވިދާނެ ބައެއްކަން ސާބިތު ކޮށްދޭ މިފަދަ ކިތަންމެ ދިވެހިންނެއް އުޅެއެވެ. ފުލުހުންގެ ތެރޭގައިވެސް އެކި ފަންނީ މަގާމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ މަގުތައް ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުންގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ދިވެހި އަންހެނުން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.