މަރު ކޮމިޝަނުގެ ރައީސް އިއްޔެ ހާމަ ކުރެއްވި ކަންތައްތަކުގެ ތެރެއިން ތަހުގީގަށް ފެނިފައިވާ ކަންކަމާ ގުޅިގެން ދައުވާ އަވަސް ކުރުމަށާ، ރާއްޖޭގައި ވަކި ހިއްޕާލައިފައިވާ "އަނދިރި ދައުލަތް" އެއްކޮށް ރޫޅާލަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރިޟްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން އިއްޔެ މަރު ކޮމިޝަނުން ދެއްކި ވާޙަކަތަކުގެ ސަބަބުންނެވެ. އިއްޔެ އެކޮމިޝަނުން ބުނެފައިވަނީ ރިޟްވާން މަރާލުމުގައި ހައްދުފަހަނައަޅާފައިވާ އިސްމާލީ ޖަމާއަތްތައް ބައިވެރިވާ ކަމަށެވެ. އޭޣެ ތެރޭގައި މެދުއިރުމައްޗަށް ނިސްބަތްވާ އައިސިސް ހިމެނެއެވެ. އަދި މާލެ ތެރޭގައި ހިންގާފައިވާ ބޮޑެތި ފޭރުމާއި ވައްކަންތަކުގައިވެސް އެ ޖަމާއަތްތަކުގެ ބައިވެރިވުން އޮތް ކަމަށް ސުއޫދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ސުއޫދުގެ ވާހަކަތަކުގައި ގިނަ ކަންތައްތަކެއް އަދި ގިނަ ބައެއްގެ ނަންތައް ފާހަގަ ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަންވެސް ހިމެނެއެވެ. ސުއޫދު ވިދާޅުވެފައި ވަނީ ރިޟްވާން ފިލައިގެން ސީރިއާއަށް ދިޔައީ ކަމަށް ދެއްކުމަށްޓަކައި 'ފޭކް' ޑޮކިއުމަންޓް ހެދުމަށް ރިޟްވާންގެ ޕާސްޕޯޓް ކޮޕީ ހޯއްދަވަން އަދީބު އުޅުއްވި ކަމަށެވެ. އަދި އެއީ ދައުވާ ކުރެވޭނެ މައްސަލައެއް ކަމަށާ، އެކަމާ ގުޅޭ ގޮތުން ޕީޖީ އާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސުއޫދުގެ ވާހަތަކާ ގުޅިގެން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފުރިހަމަ ދައުުރު އަދާ ކުރަން ޖެހޭ ކަމަށެވެ.