ތާރީހުގެ ރެކޯޑް ބަލަހައްޓަން ފެށިފަހުން ކެރީބިއަން ރަށްތަކަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާން، "ޑޯރިއަން" ކެޓަގަރީ 5 ބާރު މިނުގައި ބަހާމާސްއަށް އަރައިފިއެވެ.

ތޫފާނުގައި ގަޑިއަކު 180 މޭލު ބަރު މިނުގައި ވައިޖެހެމުންދާއިރު އިމާރާތްތަކުގެ ފުރާޅު އެއްލާލާ، އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާކަމަށް ޚަބަރު ލިބެއެވެ.

އޮފިޝަލުންވަނީ ފުރާނައަށް ނުރައްކާވާ ދަރަޖައަށް، ތޫފާނުގައި ރާޅުބާނި އުފުލި ދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެގޮތުން 23 ފޫޓު އުސްމިނުގެ ރާޅުތައް ނެގުން އެކަށީގެންވާކަމުގެ އިންޒާރުވަނީ އިއުލާންކޮށްފައެވެ.

ތޫފާން ޑޯރިއަން މިހާރު ދަތުރުކުރަމުންދަނީ ބަހާމާސްގެ ހުޅަނގުން، އެމެރިކާގެ އިރުމަތީ ސަރަހައްދުތަކަށް ކަމަށް ޚަބަރު ލިބެއެވެ. މި ތޫފާން އެމެރިކާއަށް އަރާނެ ކަމަށް ލަފާކުރެވެނީ މިރޭގެ ވަގުތެއްގައެވެ.

ތޫފާނުގެ ބާރު މިނަށް ބަލައިގެން ތޫފާން ގިންތިކުރަނީ 5 ކެޓަގަރީއެއްގައެވެ. އެގޮތުން ކެޓަގަރީ 5 އަކީ އެންމެ ބާރުގަދަ ތޫފާންތައް ހިމެނޭ ކެޓަގަރީއަށްވާއިރު، އެމެރިކާއާއި ހިސާބަށް މި ތޫފާން ދަތުރުކުރާއިރު އަދިވެސް އިތުރަށް ތޫފާނުގެ ބާރު ގަދަވުން އެކަށީގެންވެއެވެ.