މަރު ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތަކީ އެ ކޮމިޝަނުން އަލަށް ހޯދި މައުލޫމާތެއް ނޫންކަމަށާ އެއީ މީގެ ކުރިންވެސް ފުލުހުން ހޯދާފައި ހުރި މައުލޫމާތު ކަމަށް ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ވިދާޅުވެފައި ވަނީ، އެ މައުލޫމާތު ތަކުގެ އަލީގައި، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށް، ޖަލުގައި ބަންދުކޮށްގެން ތަހުގީގު ކޮށްފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ރިޟްވާނުގެ މައްސަލަ ޝަރީއަތަށް ފޮނުވުނު ކަމަށާ، ނަމަވެސް ޝަރުއީ ކޯޓެއްގައި ސާބިތު ވާ ވަރުގެ ހެކި ނެތް ކަމަށް ބަލައި މައްސަލަ ސާބިތުވެފައި ނުވާ ކަމަށެވެ. މީގެ އިތުރަށް އުމަރު ވިދާޅުވީ ކުރިން ހޯދިފައި ހުރި ހެކި ނޫން އެހެން ހެއްކެއް މަރު ކޮމިޝަނަށް ހޯދިފައި ވާނަމަ، ލަސްނުކޮށް އަވަހަށް އެ މައްސަލަ ޝަރީއަތަށް ފޮނުމަށް ގޮވާލައްވާފަ އެވެ.

އުމަރު ވިދާޅުވީ، މީހަކު މަރުވި ކަމަށް ބުނެވޭނީ ދެ ހާލަތެއްގައި ކަމަށެވެ. ފުރަތަމަ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ކަމަށާ، ދެވަނަ ހާލަތަކީ މަރާލި މީހުންގެ ބަހުން ނުވަތަ އެހެން ބައެއްގެ ބަހުން ނަމަވެސް ޝަރުއީ ކޯޓެއްގައި އެކަން ސާބިތުވުން ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގައިވެސް އަމަލުކުރަމުން ގެންދާ އުސޫލު ކަމަށާ، ކުރީގެ ސަރުކާރުން، މިއަދު މަރުގެ ކޮމިޝަނުން ހާމަކުރި މައުލޫމާތު ހާމަ ނުކުރީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.

މީގެއިތުރަށް އުމަރު ވިދާޅުވީ، ކުރީގެ ސަރުކާރުން މި މައްސަލައާއި ގުޅިގެން ނުހޯދިފައި ހުރި ހެއްކެއް އޮތްނަމަ، އެ ހެއްކެއް މަރު ކޮމިޝަނުން ހޯދައި، ކުށްކުރި ބަޔަކަށް ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ. އުމަރު ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލަ އޭރުވެސް އަދި މިހާރުވެސް ބަލަމުން ދަނީ ފުލުހުންގެ އިދާރާގައި ތިބި އެންމެ މޮޅު އިންވެސްޓިގޭޓަރުން ކަމަށެވެ. އަދި ރިޟްވާންގެ މައްސަލަ ނުބަލަން ނުވަތަ ލަސްކުރަން ނުވަތަ ފޮރުވަން ކުރީގެ ރައީސް، އަބްދުﷲ ޔާމީން ދުވަހަކުވެސް އޭނާއަށާއި ފުލުހުންނަށް އަންގަވާފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު މަރުގެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ރިޟްވާނުގެ މައްސަލާގައި މިސްރާބު ކަސިޔާރު ކުރެއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި އެވެ.

ރިޟްވާން މަރާލާފައިވާ ކަމަށް މަރު ކޮމިޝަނުން ވަނީ މިއަދު ބުނެފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގައި އަޅާފައި އޮތް ޑިންގީ އަކަށް ކަމަށެވެ. އަދި އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.