ސްރީ ލަންކާ އަށް ދާ ދިވެހިންނަށް އަދި ރާއްޖެ އަންނަ ސްރީ ލަންކާ މީހުންނަސް 90 ދުވަހުގެ އޮން އެރަވައިލް ވިސާ ދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި އެއްބަސްވުމުގައި ސޮއި ކުރުމަށް ނިންމާފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މިހާރު ދެމުން ދަނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ. ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދަށުން ލަންކާގައި ކިޔަވާ ދަރިވަރުންނަށް ވެސް ވިސާ ދިނުމުގެ އުސޫލެއް އެކުލަވާލަން ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން ބައެއް ކަހަލަ ހާލަތްތަކުގައި ބައެއް މީހުން އެތެރެވުން މަނާ ކުރުމުގެ ބާރު ދެ ގައުމަށްވެސް އޮންނާނެ ކަމަށްވެއެވެ. އަދި ބައެއް ކަހަލަ ހާލަތްތަކުގައި އެއްބަސްވުމަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލުން ނުވަތަ ދާއިމީކޮށް ހުއްޓާލުމުގެ ބާރުވެސް ދެގައުމަށް އޮންނާނެ ކަމަށްވެއެވެ. ނަމަވެސް މިފަދަ ކަމެއް ކުރާ ކަމަށްވާ ނަމަ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާ ގައުމަކުން އަނެއް ގައުމަށް އަންގަން ޖެހެއެވެ.