މާލޭގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ރޭ ހޯދައި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލަ އަށް މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވެމްކޯގެ މުވައްޒަފަށް ހަމަލާދޭ ވީޑިއޯއިން ފެންނަ ގޮތުގައި ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދެނީ ދިވެއްސެއްކަން އެނގެއެވެ. ނަމަވެސް ހަމަލާދެނީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެއެވެ. ވެމްކޯގެ މި މުވައްޒަފަށް ހަމަލާ ދެނީ އެސްލޯން ހޮޅިބުރި އަކުންނެވެ، އެ ހަމަލާ ހުއްޓުވުމަށް ވެމްކޯގެ މުވައްޒަފު މަސައްކަތް ކުރި ނަމަވެސް އިތުރަށް އެމީހާގެ ގައިގާ އެ ހޮޅިގަނޑުން ޖަހާ މަންޒަރުވެސް ފެނެއެވެ.