ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލާގައި ބައެއް އިންޓެލް މައުލޫމާތުތަކުގެ މައްޗަށް ފުލުހުން ފިޔަވަޅު ނާޅާކަން ހާމަވެފައި ވާ ކަމަށް މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ވިދާޅުވީ، ސެކިއުލާ ފިކުރުގެ ދެ މީހަކު ހުޅުމާލެއިން ރަހީނު ކުރަން އުޅުނު ކަމުގެ އިންޓެލް ރިޕޯޓެއް 24 ޖޫން 2014 ގައި ފުލުހުންނަށް ލިބުނުކަން އެނގިވަޑައިގެންފައި ވާ ކަމަށެވެ. އަދި އެ ދެ މީހުންނަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި ބައެއް ކަން ވެސް ފުލުހުންނަށް އެނގިފައި ވާ ކަން ކޮމިޝަނަށް އެނގުނު ކަމުގައިވެސް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ، މި ދެ މީހުން ރަހީނު ކުރުމަށްޓަކައި ލޯންޗެއް ތައްޔާރު ކުރި ކަންވެސް ފުލުހުންގެ އިންޓެލް އަށް އެނގުނުކަން އެނގިވަޑައިގެންފައި ވާ ކަމުގައި ސުއޫދު ވިދާޅުވިއެވެ.

ނަމަވެސް އެއިން އެއްވެސް ކަމަކަށް ފުލުހުން ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ސުއޫދު ނުދެއްވި ނަމަވެސް ބްލޮގަރު ރިޟްވާން ގެއްލުވާލީވެސް ހުޅުމާލޭގައި ކިޑްނޭޕް ކުރުމަށް ފަހުއެވެ.

މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރިޟްވާން ގެއްލުވާލި ގޮތުގެ ގިން ތަފްސީލުތަކެއް ހާމަ ކުރައްވާފައެވެ. އެގޮތުން، ރިޟްވާން ގެއްލުނުތާ މިހާރު 5 އަހަރު ވެފައި ވާއިރު، އޭނާގެ މައްސަލަ ތަހުގީގު ކުރި މަރު ކޮމިޝަނުން ވަނީ އޭނާ މަރާލާފައިވާ ކަމަށް ބުނެފައެވެ.