ރިޟްވާން މަރާލާފައިވާ ކަމަށް މަރުގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ރިޟްވާން ގަދަކަމުން ކާރަކަށް އަރުގައިވެގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގައި އަޅާފައި އޮތް ޑިންގީ އަކަށް ކަމަށެވެ. އަދި އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާ، އޭނާ މަރާލީ ކުފުރު ވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރާލުމަށް ފަހު ގައިގައި ދާ އޮޅުމަށްފަހު ކަނޑުފައްތާފައި ވާ ކަމަށް އިންޓެލް މައުލޫމާތު ލިބިފައި ވާކަމަށް ސުއޫދު ވިދާޅުވިއެވެ.

"އެގޮތުން އެ ރަތް ކާރަށް އެރުވިއިރު ކާރުގެ ކުރީގައި ތިބި ދެމީހުން، އަޅުގަނޑުމެނަށް އެދެމީހުން ވެސް އެނގޭ، އޭގެ ތެރެއިން އެކަކަކީ އާލިފް ރައޫފް، ފަހަތުގަ އެހެން މީހަކުވެސް އިން، މިދެންނެވީ ގަދަކަމުން އެރުވި މީހާ، ދެން ފަހަތުން ސައިކަލުން އިތުރު ތިން މީހުން އާދޭ، ގޮސް ރިޟްވާން އަރުވަނީ ޑިންގީ އަކަށް، ޑިންގީ އަކަށް އަރުވައިގެން ގޮސް ކަނޑުގަ ދުއްވާ އުޅަނދަކަށް އަރުވައިގެން އޭނާ ވަނީ މަރާލާފަ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން މަރާލުމުގެ ކުރިން އެމީހުން ރިޟްވާނަށް ޝަހާދަތް ލައިދިން ކަމަށާ، އަދި ޝަހާދަތް ލައިދިނުމަށް ފަހު އޭނާ މަރާލާނެތޯ އެމީހުންގެ މެދުގައި ވެސް ދެބަސްވުންތައް އުފެދުނު ކަމަށެވެ. އަދި އެމީހުން ރިޟްވާން މަރާލީ ދާ އޮޅައިގެން ކަމަށް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް އާލިފް ރައޫފް ފިޔަވާ ރިޟްވާން ވަގަށް ނެގި މީހުންގެ މައުލޫމާތެއް ސުއޫދު ހާމައެއް ނުކުރައްވައެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ގަދަކަމުން ގެންގޮސް އެރުވި ރަތް ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑީއެންއޭ ރިލްވާނުގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށާ އަދި ރިލްވާނުގެ އެޕާޓުމަންޓުގެ ފާހާނާއިން ފެނުނު ދަތް އުނގުޅާ ބުރުހުގެ ސާމްޕަލްގެ ޑީއެންއޭއާ ވެސް ދިމާވާކަމަަށް ސުއޫދު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެނަށް މިހާތަނަށް ހޯދި ހޯދުމުން އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ ރިލްވާން އަބްދުﷲ ވަނީ މިދެންނެވި ޖަމާއަތުގެ ފަރާތުން މަރާލާފައި ކަމަށް" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވަނީ ރިޟްވާން މަރާލަން ބަޔަކު އިންޒާރު ދިން ހިސާބުން ފެށިގެން ރިޟްވާން މަރާލުމާ ހަމައަށް ކަން ހިނގި ގޮތް ވެސް ކިޔައިދެއްވާފައެވެ. އޭނާ ވަނީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ އައިސިސް ޖަމާއަތުގެ މީޑިއާ ބިލާދުއްޝާމުން، ފޭސްބުކް މެސެންޖާ މެދުވެރިކޮށް ދެއްކި ވާހަކަތަކެއް ވެސް ހިއްސާކޮށްފައެވެ. އަދި ރިޟްވާނާ ވާހަކަދައްކާ މަރުގެ އިންޒާރު ދިނީ ދިވެއްސެއްކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ރިޟްވާނާއި ބިލާދުއްޝާމު މީޑިއާއިން ވާހަކަ ދެއްކީ އަބޫޖުދާން ނަމަކަށް ކިޔާ ދިވެއްސެއް ކަމަށާ، ވާހަކަތައް ހިއްސާ ކުރި އިރު އަބޫޖުދާން ވަނީ ރިޟްވާން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ވެސް ތުހުމަތުތަކެއް ކޮށްފައި ކަމަށެވެ. އަދި ރިޟްވާން ލިޔުނު ލިޔުންތަކަކާ ގުޅިގެން އެ ތުހުމަތުތައް އެމީހުން އޭނާއާ މެދު ކުރިއިރު ރިޟްވާން އެކަމަށް އިންކާރު ކޮށްފައި ވާކަމަށް އެ މެސްޖްތަކުން ހާމަވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.

ސުއޫދު ވިދާޅުވީ އަބޫދުޖާން ނަކަމަށް ކިޔާ އައިސިސް ދިވެހި ހަނގުރާމަ ވެރިއަކީ މ. ޖޯޖިއާ ޔާމިން ނައީމް ކަމަށް ބެލެވޭ ކަމަށެވެ.