މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި ރޭގައި އޭނާ ހުޅުމާލެއަށް ދިޔަކަން ކަށަވަރު ވާކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ރިޟްވާން ގެއްލުވާލި ރޭގެ 1:00 ފެރީން އޭނާ ހުޅުމާލެއަށް ދިޔަކަން، އެ ފެރީގައި އިން މީހެއްގެ ފަރާތުންނާއި އަދި ހުޅުމާލެއަށް ދިއުމުން ރިޟްވާންގެ ފޯން ހުޅުމާލެގޭ ނެޓްވޯކަށް ޕިންގް ވުމުން އެނގިވަޑައިގަންނަވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ރިޟްވާން ހުޅުމާލެ ދިޔަކަން ސާބިތު ނުކުރެވޭ ކަމަށެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގަށް އެކަން ހާމަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ހުޅުމާލޭގައި އުޅުނު ކަމުގެ އަނެއް ހެއްކަކީ އޭނާ ގަދަކަމުން ކާރަށް އެރުވި ގަޑީގައި މީހަކު ވޭނުގެ ހަޅޭކަކުން ގޮވުމުން އެ އަޑު އިވުނު މީހުންގެ ހެކިބަހުންނާއި، އަދި މުޅި ހާދިސާގެ ތަހުގީގަށް ބެލުމުން ކަމަށެވެ.

ސުއޫދު ވަނީ ރިޟްވާން މަރާލާފައި ވާކަން ހާމަކުރައްވާފައެވެ. އަދި އެކަން ކުރީ ދީނީ ހަރުކަށި ޖަމާއަތުގެ ބައެއް ކަމާ، މަރާލާފައި ވަނީ ކަނޑުމަތީގައި ކަމަަށް ސުއޫދު ވިދާޅުވިއެވެ.