މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކެއް ހޯދިއްޖެ ކަމަށް ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.

ރިޟްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުުރުމަށް ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ، ރިޟްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް އެރިކަން ސާބިތު ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވިޔަސް ފެރީން ރިޟްވާން ދިމާވި މީހުންގެ ވާހަކައިންނާއި ރިޟްވާންގެ ފޯނު ސިގްނަލް ހުޅުމާލޭގެ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިޟްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަށެވެ.

ރިޟްވާން އުޅޭ އެޕާޓްމަންޓް ކައިރީގައި އުޅޭ ދެ މީހަކު، ރިޟްވާން ގެއްލުނު ރޭ ރަތް ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ ކަމަށް ބުނެފައިވާއިރު އެ ދެ މީހުންވެސް ދެއްކި ވާހަކަ ދިމާވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

"ރިލްވާނަށް ބަޔަކު ފާރަލުމާއި، ރިޟްވާން ހުޅުމާލޭ ފެރީ އަށް އަރައި އެ ރަށަށް ގޮސް ގެޔާ ހަމަޔަށް ދިޔުމަށް ހޭދަވާނެ ވަގުތާއި އެ ރޭ ރިޟްވާން ގެއްލިފައި ވާތީ އާއި މި ކަންކަމަށް ބަލާއިރު ރިޟްވާނާ މެދު ނުރައްކާތެރ އަމަލެއް ހިންގަން އުޅޭކަން އެނގޭތީ، އެ ރޭ ރަތް ކާރަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ރިޟްވާން ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަަރަށް ގަބޫލުކުރެވޭ،"
ސުއޫދުސު

އޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު، ރިޟްވާން އެރުވީ ޑިންގީއަކަށް ކަމަށާއި މަރާލީ ކަނޑު އުޅަނދެއްގައި ކަމަށެވެ. ނަމަވެސް ހެކި ބަހުގައި ފަރަގު އެބަހުރި ކަމަށް ވިދާޅުވެ ސުއޫދު ވިދާޅުވީ އެއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރުގެ ހެއްކެއް ނޫން ކަމަށެވެ. ސުއޫދު ވިދާޅުވީ ރިޟްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި މިކަމުގެ މައުލޫމާތުތަކެއް ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ދެމީހަކު ކިޑްނެޕް ކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާ ކަމުގެ އިންޓެލް ރިޕޯޓެއް ލިބިފައި އޮތް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވި ގޮތުގައި މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުރުން މަނާކުރުމުގެ ކޯޓު އަމުރަކަށް އެދިފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވޭ...