މި ސަރަހައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް، މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ނިއު ދިއްލީގައި އިއްޔެ ފެށި ހަތަރު ދުވަހުގެ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން) ގެ 10 ވަނަ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުދިން ބެލުން، ކެއްކުން، ފޮޅާ ސާފުކުރުން، ދޮވެ އިސްތިރިކުރުން، ބާޒާރުކުރުން އަދި އަންހެނުން ގޭތެރޭގައި ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއް ލިބުމެއް ނެތި ކުރާ މަސައްކަތްތައް ކަމަށާ، ހަމަ އެހެންމެ އެއީ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި ނުވާ ކަންކަން ކަމަށެވެ.

އެހެން ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެ މަސައްކަތްތައް ނުހިނގާ ނަމަ، މުޖުތަމައުގެ ހިނގުން ހުއްޓި، އިގްތިސާދުގެ ފުނޑުފުނޑު ވެގެން ދިޔުން ކަމުގައި ޝިދާތާ ވިދާޅުވިއެވެ.

"މި ފަހުން ރާއްޖޭގައި ކުރެވުނު ސާވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރު. އަދި ޕެޓާނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް މިންތީގެ ތަފާތު ކުޑަކުރުމަށާއި ވަޒީފާއާއި އާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ތައާރަފުކުރެވުނު އެ ފަދަ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތު،"
ޝިދާތާ

މި ޖަލްސާގައި މިންތީގެ ހަމަހަމަ ކަން ގާއިމު ކުރުމަށާ، އަންހެނުން ބާރުވެރި ކުރުވުމަށް، އަދި އަންހެނުންގެ ބައިވެރިވުން އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ޝިދާތާ ދެއްވިއެވެ.

އޮގަސްޓު މަހުގެ 30 އިން ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިއަށް ދާ ސްވޯންގެ 10 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމްއޭވީއީ) އިން މި މަހުގެ 6-7 އަށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަޕްރިނިއާސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ވަފުދެއް ތަމްސީލުކުރާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކަށް ވެސް ހުންނަވާނީ ޖެންޑާ މިނިސްޓަރު ޝިދާތާއެވެ.