ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ދެއްވި 25 މިލިއަން ޑޮލަރު ލިބިވަޑައިގެންފައި ވާކަމަށް، މަގާމުން ދުރުކޮށްފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރު ކޯޓުގައި ވިދާޅުވެއްޖެއެވެ.

30 އަހަރުގެ ދިގުވެރިކަން ވައްޓާލުމަށް ސޫދާންގެ ރައްޔިތުން މަގުތަކަށް ނިކުމެ ކުރި ވަރުގަދަ މުޒާހަރާ ތަކާއެކު މިއަހަރުގެ އޭޕްރިލް މަހު ވެރިކަމުން ދުރުކޮށްފައިވާ އުމުރުފުޅުން 75 އަހަރުގެ ބަޝީރު މިކަން ހާމަ ކުރެއްވީ، ގަވައިދާ ހިލާފަށް ބޭރު ފައިސާ ގެންގުޅުއްވާ ކަމަށާ، ކޮރަޕްޝަންގެ ދައުވާއެއް އޭނާގެ މައްޗަށް ރަސްމީކޮށް އުފުލުނު ހިސާބުންނެވެ.

ކޯޓު މަރުހަލާގައި ފުރަތަމަ ފަހަރަށް ކުރިމަތިކުރެވުނު ސުވާލުތަކަށް ޖަވާބުދާރީ ވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ބަޝީރު ވިދާޅުވީ، އަމިއްލަފުޅު މަންފާއަށް ފައިސާ ހަރަދުކުރައްވާފައި ނުވާނެ ކަމަށާ، އެ ފައިސާ ބޭނުން ކުރައްވާފައި ވަނީ އެކި ކަހަލަ ޑޮނޭޝަންތަކުގައި ކަމަށެވެ. ނަމަވެސް އެ ފައިސާ ޚަރަދު ކުރެއްވި ގޮތް ތަފްސީލު ކޮށްދެއްވޭ ވަރުގެ އެއްވެސް ލިޔެކިއުމެއް ނެތް ކަމަށްވެސް ބަޝީރު ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

ސޫދާންގެ ވެރިރަށް ޚާރުތޫމްގެ ކޯޓެއްގައި، ދަގަނޑު ކޮއްޓެއްގެ ތެރޭގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަމުން ބަޝީރު ވިދާޅުވީ، އޮފީސް މެނޭޖަރަށް ފޯނުކޯލެއް އައި ކަމަށާ، ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެއްވާ މެސެޖެއް، ޕްރައިވެޓް ޖެޓެއްގައި ފޮނުވާކަމަށް އެ ކޯލުގައި ބުނި ކަމަށެވެ. އެއީ އެމްބީއެސްގެ ފަރާތްޕުޅުން އައި ފައިސާކަން އެއްވެސް ގޮތަކުން އެނގެން އޮންނަން ވަލީއަހުދު ބޭނުންފުޅުވެ ނުލައްވާ ކަމަށާ، ސޫދާންގެ ބޭންކް ނުވަތަ މާލީ ވުޒާރާއަށް އެފައިސާ ޖަމާ ކުރައްވައިފި ނަމަ އެ ފައިސާ އައި މަސްދަރެއް ތަފްސީލުކޮށް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި އެ ފައިސާއަކީ ބަޝީރު ބޭނުންފުޅުވާ ގޮތަކަށް ހަރަދު ކުރައްވަން ފޮނުއްވި ފައިސާ ކަމަށްވެއެވެ.

ބަޝީރާ ދެކޮޅަށް ތަހުގީގު ހިންގި ފަރާތަކުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ސައުދީގެ ޝާހީ އާއިލާގެ ފަރާތްޕުޅުން ބަޝީރަށް ވަނީ 90 މިލިއަނެއްހާ ޑޮލަރު ދެއްވާފައެވެ.

ފައިސާތަކުގެ މައްސަލާގައި ސައުދީ އަރަބިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ބަޝީރާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރިއަތުގެ ބައްދަލުވުމެއް ދެން އޮންނާނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.