އިސްރާއީލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އެޖަމާއަތުގެ އަސްކަރީ ކޮމާންޑަރުން ތިބީ ތައްޔާރަށް ކަމަށް، ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ސިޔާސީ ޖަމާއަތް، ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ބުނެފިއެވެ.
ޓީވީ މެދުވެރިކޮށް ދުރަށް ފޮނުވި ބަޔާނެއްގައި ނަސްރުﷲ ބުނީ، ކޮންމެހެންވެސް ރައްދު ހަމަލާ ދޭން ޖެހިފައި ވާ ކަމަށާ، އިސްރާއީލުން ކުރާ ކަންކަމުގެ އަގު އެބައި މީހުން އަދާކުރަން ޖެހޭނެ ކަމަށެވެ.
ނަސްރުﷲ މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، ހިޒްބުﷲ ޖަމާއަތާ އިސްރާއީލުގެ ސަރުކަރާ ދެމެދު އޮތް ޒަމާންވީ ހަތުރުވެރިކަން އިންތިހާއަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.
ލުބްނާނުގެ ވެރިރަށް ބޭރޫތުގައި ހިޒްބުﷲ އިން ހިންގާ މައި މަރުކަޒަކަށް އަމާޒުކޮށް، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންއެއް ފޮނުވާފައިވަނީ އިސްރާއީލުން ކަމަށް ހިޒްބުﷲ އިން ތުހުމަތުކުރެއެވެ. އަދި މި އަމަލުގެ ރައްދު އިސްރާއީލަށް ހައްގު ކަމަށްވެސް އެޖަމާއަތުން ދަނީ ބުނަމުންނެވެ.
މި ދަނޑިވަޅުގައި އިސްރާއީލުން ވަނީ، ހިޒްބުﷲއާއި އީރާނު ގުޅިގެން ވަރުގަދަ މިސައިލް ޕްރޮގްރާމެއް ހިންގާ ކަމަށް ތުހުމަތު ކޮށްފައެވެ. ވަކި އަމާޒަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކެއް ލޯންޗުކުރާ މ ޕްރޮގްރާމަކީ އިންސާނިއްޔަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިސްރާއީލުން ވަނީ ސިފަކޮށްފައެވެ.
ނަސްރުﷲ ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިސްރާއީލުން މިކަން ބޭނުން ކުރަމުން ދަނީ، ލުބްނާނަށް ހަސަދަ ފިލުވުމާލުމުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ކަމަށްވެސް ނަސްރުﷲ ވަނީ ތުހުމަތު ކޮށްފައެވެ.