މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި ހާދިސާގެ ފޮރުވިފައިވާ ހަގީގަތް ހޯދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގެއްލުވާލާފައިވާ މީހުންގެ ދުވަހާ ގުޅުއްވައިގެންނެވެ. ގެއްލުވާލާފައިވާ މީހުންގެ ހަނދާން އާކުރަން ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.
ނަޝީދު ވިދާޅުވީ ރިޟްވާން ގެއްލުނުތާ ފަސް އަހަރު ވެއްޖެ ކަމަށާއި ރިޟްވާންގެ އާއިލާއިން އިންސާފު ހޯދުމަށްޓަކައި މަސައްކަތް ކުރާތާ ވެސް ފަސް އަހަރު ވެއްޖެ ކަމަށެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި ރިލްވާނަށް ވީގޮތް އަވަހަށް ހޯދައިދެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ގެއްލުވާލާފައިވާ މީހުންގެ ދުވަހާ ގުޅުވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ޝާހިދުގެ ޓްވީޓުގައި ވަނީ ގަދަކަމުން މީހަކު ގެއްލުވާލުމަކީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގަދަކަމުން ގެއްލުވާާލާފައިވާ މީހުންގެ ދުވަހުގައި، ރާއްޖޭގެ ސަރުކާރުން އޮތީ ރިޟްވާން ގެއްލުވާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށް ތައްޔާރަށް ކަމަށެވެ.
ރިޟްވާނަށް ވީގޮތް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެގޮތުން ރައީސް އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައިސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ގެއްލުވާލުމުގެ ބައިވެރިވި "ޓެރަރިސްޓް ގްރޫޕް" ހޯދިފައިވާ ކަމަށެވެ.
އަދި ރިޟްވާން ގެއްލުވާލުމުގައި ބައިވެރިވި ޓެރަރިސްޓް ގްރޫޕްގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ކޮމިޝަނުން ވިސްނަމުން އަންނަ ކަމަށާ ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ކޮމިޝަނަށް ހެކި ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޟްވާން ގެއްލުނީ އޮގަސްޓު 8، 2014 ގައެވެ. އަދި މިހާތަނަށް އޭނާއަށް ވީ ގޮތެއް ނޭނގޭއިރު، އެކަމުގެ ފަހަތުގައި ތިބި ބައެއް ވެސް ހޯދިފައި ނުވެއެވެ.