އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ލިޔެވިފައި ހުރި 109 ފޮތެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކަސްޓަމްސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ވިއްކުމަށް ބަހައްޓާފައި ވަނިކޮށް އެފޮަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައީ އިއްޔެ ކަމަށެވެ. ނަމަަވެސް އެ ފޮތްތައް ނެގީ ކޮންތާކުން ކަމެއް އަދި ކިތައް ތަނުން ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު އިސްލާމްދީނާ ހިލާފް ވާހަކަތައް ހިމެނޭ ފޮތްތަކެއް ކަސްޓަމްސްއިން ހިފެހެއްޓިއެވެ. އެގޮތުން ދިވެހި ބަހުން ލިޔެފައި ހުރި އިސްލާމް ދީނާ ހިލާފް، ކްރިސްޓިއަން ދީނުގެ 11 ފޮތެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ސެޕްޓެމްބަރު 2012 ގައި ބަންގްލަދޭޝް މީހަކާއި އެމެރިކާގެ ރައްޔިތަކު ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކް ލިސްޓްކޮށްފައި ވެއެވެ.

މީގެ އިތުރުން ދިވެހި ބަހުން ލިޔެ ތައްޔާރުކޮށްފައިވާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާހަކަތައް ހުރި، ނަސޯރާދީނުގެ ފޮތްތަކަކާއި ސީޑީތަކެއް ރާއްޖެ އެތެރެކުރަން އުޅުނު ސައުތު އެފްރިކާ މީހަކު މޯލްޑިވްސް ކަސްޓަމް ސާވިސް އިން އޮކްޓޫބަރު 8، 2009 ގައި ވެސް ވަނީ އަތުލައި ގެންފައެވެ.