ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާލެވޭ ޓްވިޓާގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި ބާނީ ޖެކް ޑޯޒޭގެ ޓްވިޓާ އެކައުންޓް ހެކްކޮށް، ހެކަރުންގެ ކޮންޓްރޯލްގެ ދަށަށް އެ އެކައުންޓް ގެންގޮސްފިއެވެ.

ޑޯޒޭގެ އެކައުންޓް ހެކްކޮށްފައިވަނީ ޗަކްލިންގް ސްކޮޑްގެ ނަމުގައި ހަރަކާތްތެރިވި ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެއެވެ.

4 މިލިއަނަށްވުރެ ގިނަ ފްލޮވަރުން ތިބި މި އެކައުންޓްއިން ވަނީ ފުރައްސާރަ ކުރުންތައް އިންތިހާއަށް ގޮސްފައިވާ ބަސްމަގު ބޭނުންކޮށްގެން ގާތްގަނޑަކަށް 15 މިނެޓެއްހާއިރު ވަންދެން ޓްވީޓްއަކު ފުލު ޓްވީޓެއް ކޮށްފައެވެ.

ޓްވީޓާއިން ވަނީ ހެކަރުންގެ ހަމަލާގެ އަސަރު، އެކުންފުނީގެ އެއްވެސް ސިސްޓަމަކަށް ކޮށްފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް ޑޯޒޭ އެކައުންޓް ހެކް ކޮށްފައިވަނީ، އެ އެކައުންޓާއި ގުޅިފައިވާ ފޯނު ނަންބަރުގެ އޮޕަރޭޓަރުގެ ސެކިއުރިޓީ ފީޗާއެއްގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށްބުނެ، ޓްވިޓާއިން ވަނީ ދިފާއަށް ވާހަކަ ދައްކާފައެވެ. އެއީ ކޮން އޮޕަރޭޓަރެއްކަން ޓްވީޓާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑޯޒޭގެ އެކައުންޓް ހެކްކޮށްފައި ވަނީ "ސިމްޖެކިންގް" އުކުޅު ބޭނުންކޮށްގެން ކަން ޓްވީޓާގެ މަސްދަރަކުން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. މިކަން ކުރަނީ އެކައުންޓާއި ގުޅިފައިވާ ނަންބަރު އެހެން ސިމް ކާޑަކުން މަސައްކަތްކުރާ ގޮތް ހަދައިގެންނެވެ. މިހާ ހިސާބަށް ދެވެނީ މޯބައިލް އޮޕަރޭޓަރުގެ ކަސްޓަމަ ސަޕޯޓް ސްޓާފަކަށް ރިޝްވަތު ދީގެން ނުވަތަ އޭނާއަށް އޮޅުވާލައިގެންނެވެ. މި ގޮތަށް ފޯނު ނަންބަރު އެހެން ސިމްކާޑަކަށް ބަދަލުކޮށް، ވަގު ސިމްކާޑު ބޭނުންކޮށްގެން އެ ނަމްބަރާ ގުޅިފައިވާ އެކައުންޓަށް ޓެކްޓްސް މެސެޖު މެދުވެރިކޮށް ޓްވީޓްތައް އަޕްޑޭޓްކުރުމުގެ ފުރުސަތު އޮވެއެވެ. ޑޯޒޭގެ އެކައުންޓުން ހެކަރުން ޓްވީޓްކޮށްފައި ވަނީ މިގޮތަށް ކަމަށްވެއެވެ.