އިންޑިއާގެ ޗެންނާއީގައި ދިރިއުޅެމުން އަންނަ އުމުރުން 26 އަހަރުގެ ލަކްޝްމަން މުތިއްޔާއަކީ ސަލާމަތާ ގުޅުންހުރި ކަންކަން މިނިވަން ގޮތެއްގައި ދިރާސާ ކުރަމުން އަންނަ ޒުވާނެކެވެ. އޭނާގެ ސޯޝަލް މީޑިއާ ފީޑުގެ ކޮންމެ ހިސާބަކަށް ބަލާލިނަމަވެސް ފެނިގެންދަނީ ތަފާތުކަމެކެވެ. ވެބްސައިޓްތައް މަސައްކަތްކުރާ ގޮތާ، އެ ވެބްސައިޓްތައް ހިންގުމަށް އަޅާފައިވާ ކޯޑުތަކާ މެދު އޭނާ ދަނީ ފުންކޮށް ވިސްނަމުންނެވެ. ހަމަ މިއާއެކު، އެ ކޯޑުތަކުގައި ހުރި ފޫނުބެދޭ ބާގަނޑުތައް ހޯދައެވެ.

ޑިޖިޓަލް ދުނިޔޭގެ ބަތާނައިގައި ހެދިފައި ހުންނަ މިފަދަ ބާގަނޑުތަކުން ވަދެ، އެތަނުން ލިބޭ މައުލޫމާތެއްގެ ނާޖާއިޒު ފައިދާ ނަގާ ހެކަރުންގެ އަދަދު އިންތިހާއެވެ. ފާއިތުވީ 5 އަހަރެއްހާ ދުވަސް ލަކްޝްމަން ހޭދަކުރީ ހެކަރުންނަށް ފޫ އަޅުވާލެވެންހުރި މިފަދަ ބަގްތައް ނުވަތަ ބާގަނޑުތައް ހޯދުމުގައެވެ. މިމަސައްކަތުން އޭނާވަނީ 62000 ޑޮލަރުގެ އިނާމު ހޯދާފައެވެ.

މި އިނާމުގެ ބޮޑު ބައެއް އޭނާ ހޯދާފައިވަނީ ފޭސްބުކްއާއި ފޭސްބުކްއާއި ގުޅިފައިވާ އިންސްޓަގްރާމްއިންނެވެ. އެންމެފަހުން އިންސްޓަގްރާމްއިން އޭނާ ހޯދި ބާގަނޑާއެކު އޭނާ ވަނީ 40000 ޑޮލަރު ހޯދާފައެވެ.

"މިހުރިހާ ކަމެއްގެ ފެށުން އައީ ކޮލެޖުގައި ކިޔެވި ދުވަސްވަރު. އެއީ، ހުއްދަ ގޮތުގައި ހެކްކުރަން ދަސްކުރުމާ ބެހޭ މަސައްކަތު ބައްދަލުވުމެއްގެ ތެރެއިން. އެންމެ ފުރަތަމަ މިކަން ކޮށްގެން އަހަރެންނަށް އިނާމެއް ލިބުނީ 2013 ވަނަ އަހަރު. އޭރު އަހަރެންނަކީ ދަރިވަރެއް. އެއީ ފޭސްބުކްއިން ބަގެއް ހޯދައިގެން. އެފަހަރު 1500 ޑޮލަރު ލިބުނު"، މިމަސައްކަތުގެ ފެށުން އައި ގޮތް ލަކްޝްމަން ހަނދާންކޮށްލިއެވެ.

ލަކްޝްމަން ފުރަތަމަ ޑިގްރީ ހާސިލުކުރީ ކޮމްޕިއުޓާ ސައިންސް އިންޖިނީއަރިންގްގެ ރޮނގުންނެވެ. ނަމަވެސް ހުއްދަ ގޮތުގައި ހެކް ކުރަން ދަސްކުރީ އޭނާ އަމިއްލައަށް ކަމަށް ލަކްޝްމަން ބުނެއެވެ. މިކަން އޭނާ ކުރަނީ މަސައްކަތު ބައްދަލުވުންތަކާ، އޮންލައިން ކްލާސްތަކުގެ އިތުރުން އެތައް މަސްދުވަހެއްގެ އަމަލީ ތަމްރީނުތަކުގެ ތެރެއިންކަމަށް ލަކްޝްމަން ބުނެއެވެ.

ލަކްޝްމަން އެންމެ ފަހުން ހޯދި ހޯދުން ތަކުގެ ތެރޭގައި، އެންމެ 10 މިނެޓުން އެތައް ފޭސްބުކް އެކައުންޓްއެއް ހެކްކުވެރިވިދާނެކަން ފޭސްބުކް ކުންފުންޏަށް ސާބިތުކޮށްދިންކަން ފާހަގަކުރެވެއެވެ.

"ފޮގެޓް ޕާސްވާޑް އޮޕްޝަން ޚިޔާރުކުރީމަ ފޭސްބުކްއިން ފޮނުވަނީ 6 ޑިޖިޓްގެ ކޯޑެއް. އެއީ 6 ޑިޖިޓްގެ ކޯޑެއް ވީމަ، އެ ކޯޑް ބަދަލުކުރެވިދާނެ 1 މިލިއަން ގޮތް އޮންނާނެ. އެހެންވެ، މިނެޓަކު 50-200 ގޮތަށް ރެންޑަމް ކޯޑު ޖަހައިގެން، އެކައުންޓަށް ވަންނަން މަސައްކަތްކުރެވިދާނެ. 10 މިނެޓް ވަންދެން މިކަން ކުރުމުގެ ފުރުސަތު އޮވޭ. އެ ވަގުތުކޮޅުގެ ތެރޭގައި އެކި އައިޕީ އެޑްރެސްތައް ބޭނުންކޮށްގެން ލައްކައެއްހާ ކޯޑު ޖަހައިގެން އެކައުންޓް ހެކްކޮށް، އެ އެކައުންޓްގެ ކޮންޓްރޯލް ނެގިދާނެ. އަހަރެން އެކަންކޮށް، ފޭސްބުކްއަށް ވީޑިއޯއެއް ފޮނުވީ. އެމީހުން އެކަން ބަލާ، ކަށަވަރު ކުރުމަށްފަހު އަހަރެންނަށް އިނާމެއްގެ ގޮތުގައި 30000 ޑޮލަރު ދިން" ލަކްޝްމަންގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގެ ތަފްސީލު ހިއްސާކޮށްލިއެވެ.

ވެބްސައިޓްތަކުގައި ހުންނަ މިފަދަ މައްސަލަތައް ދެނެގަތުމަކީ ޓެކްނޮލިޖީއަށް ޝައުގުވެރިވާ ޒުވާނުން އިންތިހާއަށް ގަޔާވާ ކަމެކެވެ. ނަމަވެސް މިފަދަ ކަމެއް ކުރާނަމަ، ދުރާލާ އެ ކުންފުންޏަކަށް އަންގަންޖެހެއެވެ. ނޫންނަމަ އެއީ ޣައިރު ގާނޫނީ ކަމެކެވެ.