ފެބްރުއަރީ 7، 2012 އަކީ އަދިވެސް ތާޒާކޮށް ހުރި ހަނދާންތަކެކެވެ. ބައެއް މީހުންނަށް އެއީ އަދިވެސް 'ރޮލަށް ހުރި ޒަހަމް' ތަކެކެވެ. ސަބަބުތައް ގިނައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ ތެރޭގައި މަގު މައްޗަށް ނުކުމެ އަޑު އުފުލައި ލަދު ހަޔާތް ކެނޑިގެން ދިޔުމުގެ ނަތީޖާއަކަށް ވި، އެ ވެރިކަން ބަދަލުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅު މައްޗަށެވެ. ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ރައީސް ނަޝީދު ދިވެހިންގެ ހިތްތަކުން ޖާގަ ހޯއްދެވުމުގެ ނަތީޖާއަކީ، އިންތިހާބުގައި ރައީސް މައުމޫން ބަލި ކުރެއްވުމަށް ފަހު 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، ރައީސް ނަޝީދު ކުރެއްވުމެވެ.
އޭރުގެ އެ ބަދަލަކީ ޑިމޮކްރަސީއެއް ފައްކާ ކުރުމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެދިއެދި ތިބުމާ އެކު އައި ބަދަލެކެވެ. އެ ބަދަލާ އެކު ދިވެހިންގެ އުންމީދުތައް އާވެ ތާޒާވެގެން ދިޔައެވެ. ރައީސް ނާޝީދުގެ ވެރިކަމާ މެދު ޔަގީންކަން އިތުރު ކުރިއެވެ.
ކަންކަން ބަދަލުވެ ފުރޮޅެން ފެށީ، ވެރިކަމުގެ ކުރީކޮޅު ދައުލަތުގެ ހަޒާނާ އަށް އެނގުން ވާން ފެށުމާއި، ޑޮލަރުގެ އަގު އުފުލި ބައެއް ހިދުމަތްތަކުގެ އަގު އުފުލުމާއި، ދައުލަތުގެ ބައެއް ހަރު މުދާތައް ވިއްކާ، އެންމެ ފަހުން ރާއްޖޭގެ މައި ވައިގެ ބަނދަރު ވެސް އިންޑިއާގެ ޖީއެމްއާރަށް ދިނުމާ އެކު ގައުމުގެ އިގުތިސާދު މިސްރާބުން ކައްސާލައި އިޖުތިމާއީ ފޭރާން ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔުމުންނެވެ.
ނަމަވެސް މި މަންޒަރު އޭރު ވެރިކަމުގައި ތިބި ފަރާތްތަކަށް، ހާއްސަކޮށް އެމްޑީޕީގެ ބައެއް ފަރާތްތަކަށް ފެނުނު ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ދުވަހު އެ މަންޒަރު ފެންނަމުން ދިޔަ ނަމަ، ޑިމޮކްރަސީ އަށް ކުރި ދަތުރު ފުރިހަމަ ކުރުމަށްޓަކައި ކަންކަން އިސްލާހު ކުރުމަށް އިސްކަން ދިނީހެވެ.
ފެބްރުއަރީ 7
ފެބްރުއަރީ 7 އަށް އަލިވެލެން ދިޔަ އިރު މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނު ވެފައެވެ. ނަޝީދުގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކުން އެމްއެމްއޭ ސަރަހައްދަށް އެއްވެ ބައި ބޯވަމުން ދިޔައިރު، ހެންވޭރު އާޓިފިޝަލް ބީޗު ސްޓޭޖު ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރާ ދެކޮޅު ސަޕޯޓަރުންގެ ދެމެދުގައި ދިޔައީ ހަމަނުޖެހުމެއް ހިނގަމުންނެވެ. ގަލާއި، އަތު ޖެހުނު ހާ އެއްޗެއް އެއް ބަޔަކު އަނެއް ބަޔެއްގެ ގަޔަށް އުކަމުންނެވެ.
އެ ނާޒުކު ހާލަތު މެދުވެރިވި ވަގުތަކީ އެކަން އެމީހުން ލައްވައި ކުރުވުމަށް ބަޔަކު ދޫކޮށްލި ވަގުތެކޭ ވެސް ދެންނެވި ދާނެއެވެ. ސަބަބަކީ އެ ވަގުތުކޮޅު ހިނގައި ދިޔަ އިރު ސަލާމަތީ ބާރުގެ އެއްވެސް މީހަކު އެ ސަރަހައްދުގައި ނެތުމެވެ. އެ ފަރާތްތަކުން އެ ސަރަހައްދަށް ދިޔައީ ދެ ފަރާތުގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުން ހިނގަމުން ދަނިކޮށެވެ.
އާޓިފިޝަލް ބީޗުގައި ހިނގަމުން ދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ސަލާމަތީ ބާރުތަކުން ގުންފައި ޖަހާފައި ޖުމްހޫރީ މައިދާނަށް ދުއްވައިގަތުން ވެގެން ދިޔައީ އެރޭގެ ފަތިހުގެ އަލިކަމާއެކު އިިރު އަރާ ވެރިކަން ވެއްޓިގެން ދިޔުމުގެ އެންމެ ހައްސާސް ވަގުތު ކޮޅަށެވެ. އެ މީހުން ޖުމްހޫރީ މައިދާނަށް ދިޔަ އިރު އެ މައިދާނުގައި ވެސް ހަމަނުޖެހުން ފެށިއްޖެއެވެ. އެ ހަމަނުޖެހުން ހިނގަމުން ދިޔައީ ފުލުހުންނާއި ސިފައިންނާ ދެމެދުގައެވެ. ހަތިޔާރު ވެސް ބޭނުން ކުރިއެވެ. ދުން ބަޑި ވެސް ޖެހިއެވެ. ލޭ އޮހޮރުނެވެ. ހެނދުނަށް އަލި ވިލި އިރު ދޮންވެގެން އައި އިރު އެމްއެމްއޭ ކައިރީގައި ހުރި ޓިނު ބިއްގަނޑު ވެސް ވަނީ ވައްޓާލާފައެވެ.
މުޅި ޖުމްހޫރީ މައިދާން އެކީއެކަށް ފުރާލާފައި ވަނިކޮށް އެމްޑީޕީގެ ސަޕޯޓަރުންގެ ބަޔަކު، ޖުމްހޫރީ މައިދާނަށް ވަންނަން މަސައްކަތް ކުރުން ވެގެން ދިޔައީ ރޯވެފައި އޮތް އަލިފާންގަނޑަކަށް އިތުރަށް ދަރުއެޅިގެން ދިޔަ ކަމަކަށެވެ. އިހުތިޖާޖަށް އެއްވެ ތިބި މީހުންގެ ލޭ ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔައެވެ.
އެއްވެ ތިބި މީހުންގެ ޑިމާންޑްތައް
އެ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވި މީހުންނާއި ފުލުހުންގެ ފަރާތުން ޑިމާންޑްތަކެއް ކުރަމުން ދިޔައެވެ. އެ ޑިމާންޑްތަކަކީ "ފުލުހުންގެ މައްޗަށް ކޮމިޝަނާ އޮޮފް ޕޮލިސް ޣައިރު ގާނޫނީ އަމުރެއް ނުކުރުމަށާއި ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދިނުން" އެވެ. އާންމުންގެ ޑިމާންޑަކަށް ވީ "ރައީސް ނަޝީދު އިސްތިއުފާ" ދެއްވުމަށާއި، ކޯޓާ 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ވިދާޅުވެ، ހައްޔަރު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ދޫކޮށްލުމަށެވެ. އެ ޑިމާންޑްތަކަށް ބާރު ލިބި އިހުތިޖާޖުގެ ސަފުތައް ވަރުގަދަނީ އެމްއެންޑީއެފްގެ ތެރެއިން ބައެއް މީހުން ވެސް އާންމުންނާ ގުޅެން ފެށުމުންނެވެ.
އިސާހިތަކު ސިފައިންގެ ތެރެއިން ގިނަ ބަޔަކާއި ފުލުހުން އަދި އާންމުންގެ ޑިމާންޑްތަކަށް ދީލާލެއްވުމުގެ ފެހި ސިގްނަލް ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިބިގެން ދިޔައީ، އަބްދުﷲ ގާޒީ ދޫކޮށްލުމުންނެވެ. ގިނަ އިރުތަކެއް ނުވެ އިހުތިޖާޖު ކުރަމުން ދިޔަ މީހުންގެ ތެރެއަށް ރައީސް ނަޝީދު ވަޑައިގެން މަސްލަހަތު ގާއިމު ކުރެއްވޭތޯ އުޅުއްވި ނަމަވެސް އެއްވެފައި ތިބި މީހުންގެ ރުޅިވެރިކަމުގެ ކުރިމަތީގައި ކުރިއެރުމެއް ލިބިވަޑައިނުގެން ނަޝީދު އިސްތިއުފާ ދެއްވީއެވެ.
އިސްތިއުފާ ދެއްވުން
"އިތުރަށް ރައީސްކަމުގެ މަގާމުގައި ދެމިހުންނަވައިފި ނަމަ ރާއްޖޭގެ ރައްޔިތުންނަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަބޫލު ކުރެއްވޭތީއާއި، ވެރިކަން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖެއަށް ބޭރުގެ ނުފޫޒު ފޯރަފާނެ ކަމަށް ގަބޫލު ކުރައްވާ" ކަމަށް ވިދާޅުވެ ރައީސް އޮފީހުގައި ހުންނަވާ ނަޝީދު އިސްތިއުފާ އިއުލާނު ކުރެއްވިއެވެ.
ފެބްރުއަރީ 7 ގެ ތަހުގީގު އަލުން ފެށުން
ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި ގިނަ ބަޔަކު ޝާމިލުވެއެވެ. ސަލާމަތީ ބާރުތަކުގެ ބައެއް މީހުންނާއި އާންމުންގެ އިތުރުން ސިޔާސީ ގިނަ ބޮޑުން ހިމެނެއެވެ. ފެބްރުއަރީ 7 އަލުން ނިއުޅާލައި ތަހުގީގެއް ފަށައި ނަމަ އޭރު ވެސް އަދި މިހާރު ވެސް ސިޔާސީ މައިދާނުގައި ތިބި ބޮޑުންގެ ތެރެއިން ހަމަ އެކަކު ވެސް ނައްޓާފައި ހިނގައިދާނެތޯ އެއީ ކުރަން ޖެހޭ ސުވާލެވެ. އެ ދުވަހު އިސްކޮށް ހުންނެވި އެއް ބޭޅަކު އަދި މިއަދުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ވިދާޅުވަނީ އެ ވާހަކަ އެވެ. އޭނާ ވިދާޅުވަނީ ފެބްރުއަރީ 7 އަލުން ނިއުޅާލުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް ނުވާނެ ކަމަށާއި ގައުމަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
ފެބްރުއަރީ 7 ގެ އާ ތަހުގީގެއް ފެށިއްޖެ ނަމަ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންނާއި އިސް އާރުކާޓީގެ އިތުރުން އޭރު ރައީސް ނަޝީދުގެ ވެރިކަމުގައި ސަލާމަތީ ހިދުމަތްތަކުން ދުރުކުރި ބައެއް ވެރިންނާއި އެނޫން ވެސް ގިނަ ބަޔަކާ ސުވާލު ކުރަން ޖެހޭނެއެވެ. އެ ބޭބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އެ ދުވަހު ފުލުސް އޮފީހުގައި ކުރެއްވީ ކީއްތޯ ބަލަން ޖެހޭނެއެވެ.
ސުވާލަކީ ފެބްރުއަރީ 7 އަލުން ތަހުގީގު ކުރުމަކީ ސިޔާސީ ގޮތުން މި ގައުމަށް ހިފަހައްޓާލެވޭ ވަރުގެ ކަމަށް ވެދާނެތޯއެވެ. ފެބްރުއަރީ 7 އާ އެކު ޖެހިގެން އައި ފެބްރުއަރީ 8 ގެ ތަހުގީގު ނުކޮށް ދޫކޮށްލެވޭނެތޯއެވެ.
ފެބްރުއަރީ 7 ތަހުގީގު ކުރަން ނަޝީދު ވިދާޅުވަނީ ކީއްވެ
ބޭރު ފުށަށް ފެންނަނީ އަދި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ބުނަނީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. ހަމަ އެގޮތަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެ ދެބޭފުޅުންގެ ދެމެދުގައި ނުތަނަވަސްކަން އޮތްލެއް ކުޑައެއް ނޫނެވެ. ސަރުކާރުގެ ކުރީކޮޅުގައި ހޯރަ އިއްބެ (އާންމު ނަން) ދޫކޮށްލައްވަން ޖެހުމާއި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ކަނޑައެޅުމުގައި ދިމާވި ކަންތައްތަކާއި، މަޖިލީހުގައި ސުޕަ ކޮމެޓީއެއް ހަދަން މެންބަރުން ދެކޮޅު ހަދަން ޖެހުނު ސަބަބާއި، ސަރުކާރުގެ ވަޒީފާތަކަށް މީހުން ލުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ނުތަނަވަސް ކަމަކީ ވިސްނާ ބަޔަކަށް ފެންނަން ހުރި ކަންކަމެވެ.
މިއަދު ފެބްރުއަރީ 7 ތަހުގީގު ކުރާ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން އެކަމުން ނުކުންނަ ނަތީޖާ (ހެވަސް އަދި ނުބަޔަސް) އާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ. ކޯލިޝަން ޕާޓުނަރުންނަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ.
ފެބްރުއަރީ 7 ތަހުގީގު ކުރެވޭނެތަ؟
ތަހުގީގު ކުރަނީ ފެބްރުއަރީ 7 ގައި ސަލާމަތީ ބާރުތަކުން އަމުރަށް ނުކިޔަމަންތެރިވި ސަބަބު ކަމަށް ވިޔަސް އާހިރުގައި ގޮސް ޖެހޭނީ "ބަޣާވާތުގައި" ނޫންތޯއެވެ. އަމުރަށް ނުކިޔަމަންތެރިވި ވީމައި ވާ ގޮތް ގާނޫނު އަސާސީގައި ނެތްތޯއެވެ.
ފެބްރުއަރީ 7 ގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވާ ސަބަބަކީ ރައީސް ސޯލިހުގެ އިސްތަށިފުޅަށް ބުރަ ކުރެއްވުން ކަމުގައި ވާނަމަ އެކަން ކާމިޔާބު ވެދާނެކަމަށް ނުބެލެވެއެވެ. އެއް ސަބަބަކީ ފެބްރުއަރީ 7 ތަހުގީގު ކުރަންޏާ، ކޮމެޓީއަކަށް މެންޑޭޓް ދެއްވަން ހުންނަވާނީ ރައީސް ސޯލިހު ކަމަށް ވުމެވެ. ސަރުކާރާ ނުބައްސާ ރައްޔިތުންގެ މަޖިލީހުން ކުރަން ބެލި ނަމަވެސް އެކަން ކާމިޔާބު ވާން އޮތް ކަމަކަށް ނުފެނެއެވެ. ސަބަބަކީ އެ މަޖިލީހުގެ މެޖޯރިޓީ ވެސް މިއަދު ރައީސް ނަޝީދަށް ގެއްލިފައި ވުމެވެ.
ދެން މިވަގުތަށް އޮންނާނެ ހަމަ އެކަނި ގޮތަކީ ބައިނަލްއަގުވާމީ ޕްރެޝާ ރައީސް ސޯލިހުގެ މައްޗައް ކުރުވައިގެން ތަހުގީގު ކުރަން ބާރު އެޅުމެވެ.