ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ހާއްސަ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ސްރީލަންކައަށް އިއްޔެ ވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު، ސްރީލަންކާގެ އާމީގެ މައިމަރުކަޒަށް ވަޑައިގެންނެވުމުން އޭނާގެ ޝަރަފުގައި ސްރީލަންކާ އާމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އޭނާ ވަނީ ސޮއި ކުރައްވާފައެވެ.
ސްރީލަންކާގެ އާމީގެ މައިމަރުކަޒުގައި ސްރީލަންކާ އަސްކަރިއްޔާގެ އާމީ ކޮމާންޑަރާއެކު ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި "ކޮލޮމްބޯ ޑިފެންސް ސެމިނާ 2019" ގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މި ސެމިނާ ކުރިއަށްދަނީ މިމަހު 29 ން 30 އަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.