ފިލި އެންމެންގެ ތެރެއިން ހަމައެކަނި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ދައުވާ ކުރީ ކީއްވެތޯ އަހާ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރުން ޑރ. އަބްދުﷲ ހަލީލް ސުވާލު އުފައްދަވާފިއެވެ.
ހަލީލް ވިދާޅުވީ، 1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ނައިބު ރައީސް އަދީބު، މި އެންމެނަކީ ވެސް ދައުލަތުން ފިލި ކަމަށެވެ. ނަމަވެސް ގާނޫނަށް ފިލުމުގެ ދައުވާ ކޮށްފައިވަނީ ހަމައެކަނި އަދީބުގެ މައްޗަށް ކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް އިތުރަށް ވިދާޅުވީ، ލުތުފީ ފިލުމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ގަނޫނަށް ފިލުމުގެ ދައުވާ ހަމައެކަނި އަދީބުގެ މައްޗަށް ކުރުމަކީ ކޮންކަހަލަ އިންސާފެއްތޯ އަދި ކޮންކަހަލަ އިންސާނިއްޔަތު ކަމެއްތޯ އައްސަވާ ހަލީލް ވަނީ ސުވާލު އުފައްދަވާފައެވެ.
އަދީބު ރާއްޖެއިން ފިއްލަވައިގެން ވަޑައިގެންނެވި މައްސަލާގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލައިފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދީބު ފިއްލަވަން އުޅުއްވަނިކޮށް ހައްޔަރުކޮށްފައި ވަނީ މި މަހުގެ އެއްވަަނަ ދުވަހު އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިންނެވެ.
އަދީބު އަނބުރާ ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނައީ ދިވެހި ފުލުހުންނާއި ސިފައިންނެވެ. އަދި އެރޭ އޭނާ ރާއްޖެ ގެނައި ގޮތަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށްވެސް ގެންދިޔައެވެ. ނަމަވެސް އެރޭ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭނާ ދޫކޮށްލީ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އިތުރު ކޯޓު އަމުރެއް ހޯދައިގެން ފުލުހުން އަނެއްކާވެސް އަދީބު ހައްޔަރުކުރިއެވެ. އަދި އޭގެފަހުން އޭނާ ދޫނިދޫއަށް ގެންދިޔައެވެ.
މިހާރު އޭނާ ހުރީ ޓެގް އަޅުވާފައި ގެއަށް ބަދަލު ކޮށްފައެވެ.