އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ޑިވައިސްތަކުގައި ރައްކާކޮށްފައިވާ ފޮޓޯއާއި އެނޫންވެސް މައުލޫމާތު އެއްކުރުމަށް ވެބްސައިޓްތަކެއް މެދުވެރިކޮށް ނުރައްކާތެރި ސޮފްޓްވެއާތަކެއް އެ ޑިވައިސްތަކަށް އަޅަމުންދިޔަ ހެކް ކުރުމުގެ އަމަލުތަކެއްގެ ވާހަކަ، ގޫގްލްއިން ހާމަކޮށްފިއެވެ.

ގޫގްލް ޒީރޯ ސެކިއުރިޓީ ޓާސްކްފޯހުން ހިންގާ ބްލޮގްގައިވާ ގޮތުން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ވަކި ހިސާބެއް ނުވަތަ ވަކި ސަރަހައްދެއްގެ އައިފޯންތަކަކަށް ބެލުމެއް ނެތިއެވެ. އަދި މިކަމަކީ ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ މުއްދަތަށް ދެމިގެން ގޮސްފައިވާ އޮތް ކަމެއްކަމަށްވެސް ގޫގްލްއިން ބުނެއެވެ.

ހެކަރުން މިކަންކޮށްފައިވަނީ، ހެކްކޮށްފައިވާ ވެބްސައިޓްތަކަށް އައިފޯނު ބޭނުންކޮށްގެން ވަދެއްޖެނަމަ، އެ ޑިވައިސްއަކަށް ހަމަލާ ދެވޭ ގޮތަށް ކަމަށެވެ. ހަމަލާ ކާމިޔާބުވެއްޖެނަމަ ޑިވައިސް މޮނިޓާކުރެވޭނެ "އެއެއްޗެއް" އެ ޑިވައިސްގެ ތެރެއަށް ފޮނުވާލާ ކަމަށްވެސް ޒީރޯ ސެކިއުރިޓީ ޕްރޮޖެކްޓްގައި މަސައްކަތްކުރާ އިއާން ބިއާ ވަނީ ބުނެފައެވެ.

ހެކަރުންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ސަފާރީ ބްރައުޒަރު ބޭނުންކޮށްގެން އިންޓަނެޓް ސާފްކުރި ފަރާތްތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކާމިޔާބު ކަމާއެކު މޮނިޓަރިންގް ޑިވައިސް ފޮނުވާލެވިއްޖެނަމަ، ކޮންމެ 60 ސިކުންތަކުން ޑިވައިސްގެ މައުލޫމާތާ، އެ ޑިވައިސް އޮތް ހިސާބެއް ހެކަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ގޫގްލްއިން ބުނެއެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އައިފޯނުގެ ސަމާލުކަމަށް މިކަން ގެނެސްދީފައިވާނެ ކަމަށާ، އެކަން ހައްލު ކުރުމަށް އެޕަލް ކުންފުނިން އައިއޯއެސް އަޕްޑޭޓެއް ނެރުނު ކަމަށްވެސް ގޫގްލްއިން ވަނީ ބުނެފައެވެ.