ބެލްކަނީގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް ވެއްޓި މަގުމަތިން ދިޔަ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މާފަންނު ގެއެއްގެ 8 ވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް ވެއްޓި އެ ސަރަހައްދުން ހިނގައިފައި ދިޔަ ފިރިހެނެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:03 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެން އަނިޔާވި މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައި ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

މާލޭގައި ގޭގޭގެ ބެލްކަނީގައި ހުންނަ އެއްޗެހި ވެއްޓުމާއި، ބެލްކަނިން ބައެއް ވެއްޓި މަގުމަތިންދާ މީހުންނަށް އަނިޔާ ވުމަކީ މިހާރު މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން، މިދިޔަ ޖޫން މަހު، މާލޭ ގެއެއްގެ ބެލްކަނި ވެއްޓި ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. އެ ހާދިސާގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.

މީގެ އިތުރުން، މިިދޔަ ޖުލައި މަހު 13 ވަނަ ދުވަހުގެ ރޭ 12:50 ގެއެއްގެ ބެލްކަނީ ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.