މިއަދު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުންގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭ 1:30 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިއަދުގެ ހާދިސާގައި މަރުވި މީހުންގެ މައްޗަށް މިރޭ 1:30 ގައި ކަށު ނަމާދު ކުރެވޭނީ އެރަށު މަސްޖިދުއް މޫސާ އަލީ މިސްކިތުގައި ކަމަށެވެ. އަދި މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

މިއަދު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަނޑުން ޖަހާލީ، ހަނިމާދޫ ކަނޑިންމައިން އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކުއެވެ. 10 މީހުންނާ އެކު މި ލޯންޗު ދަތުރު ކޮށްފައި ވާއިރު، ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން ޖުމްލަ ފަސް މީހުން ވަނީ މަރުވެފައެވެ. މި ހާދިސާގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރުވެފައިވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ، ނޮޅިވަންފަރު ސްކޫލުގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ، އަދި އޭނާގެ ދަރިފުޅު ގުރައިޝާ އަބްދުﷲގެ އިތުރުން ގުރައިޝާގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި ނޮޅިވަރަންފަރު ސްކޫލުގެ މުދައްރިސު އަބްދުއްޝުކޫރު ހުސެއިންގެ އަންހެނުންނެވެ.