މިއަދު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި އެންމެންނަކީ ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އާއިލާ މީހުން ކަން ހާމަ ވެެއްޖެއެވެ.

އެމްއޭސީއެލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މަރުވި އެންމެންނަށް ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ. އަދި އެ ޓްވީޓްގައި ބުނީ، މިއަދުގެ ހާދިސާގައި މަރުވީ އެ ކުންފުނީގެ މުވައްޒަފު ޝިފާޒުގެ ކުޑަ ދަރިފުޅާއި، އަންހެނުން އަދި އަންހެނުންގެ މަންމައާއި ބައްޕަ ކަމަށާއި، ދެން މަރުވީ އެ ކުންފުނީގެ މުވައްޒަފު ފައިސަލްގެ މަންމަ ކަމަށެވެ.

މިއަދު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަނޑުން ޖަހާލީ، ހަނިމާދޫ ކަނޑިންމައިން އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކުއެވެ. 10 މީހުންނާއި އެކު މި ލޯންޗު ދަތުރު ކޮށްފައި ވާއިރު، ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން ޖުމްލަ ފަސް މީހުން ވަނީ މަރުވެފައެވެ. މި ހާދިސާގައި އެއް އާއިލާގެ ހަތަރު މެންބަރުން މަރުވެފައިވެއެވެ.