ހދ. ނޮޅިވަންފަރު ސްކޫލުގެ އެންމެ ދުވަސްވީ ޓީޗަރު، ހުސެއިން އަބްދުﷲ ނުަވަތަ (ބޮޑު ޓީޗަރު) މަރުވެ ދިއުމަކީ އެރަށު ސްކޫލަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ބޮޑު ޓީޗަރަކީ 35 އަހަރު މެދުނުކެނޑި ނޮޅިވަރަންފަރު ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި އިހްލާސްތެރި ހިދުމަތް ކޮށްދެމުން ގެންދިޔަ މީހެއް ކަމަށެވެ.
ލޯންޗު ބަންޑުންވި ހާދިސާގައި 5 މީހުން މަރުވެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް އެ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ވެރިން އަދި އެންމެހާ މުވައްޒަފުންގެ ތައުޒިޔާ ފޮނުވާފައެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެެއްގައި ވެސް އެ ފަރާތްތަކަށް ތައުޒިޔާ ދަންނަވާފައިވެއެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު މި ދުނިޔެއާ ވަކިވެ ދިޔަ ހުސެއިން އަބްދުﷲ އަކީ އެންމެންގެ ހިތްތަކުން ދާއިމީ ޖާގައެއް ހޯދާފައިވާ 'ސުޕާ' ޓީޗަރެއް ކަމަށެވެ.
އެޑިއުކޭޝަނުން ވަނީ މި ހާދިސާގައި މަރުވި ހުސެއިން އަބްދުﷲ އާއި އެ އާއިލާގެ އިތުރު ތިން މެންބަރަކު އަދި ނޮޅިވަރަންފަރު ސްކޫލުގެ މުދައްރިސު އަބްދުއްޝުކޫރު ހުސެއިންގެ އަނބިމީހާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށާ އަދި އެ ފަރާތްތަކުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައެވެ.