ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ކަންކަން ފުރިހަމަ ވެފައިވޭތޯ ޔަގީން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ، އާދަޔާ ހިލާފަށް ވައި ބާރުވެ ގަދަ ވިއްސާރަ ކުރާ ދުވަސްތަކުގައި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ކަނޑުދަތުރު ކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ހާލަތްތައް މެދުވެރިވެދާނެ ކަމެއް ކަމަށާއި ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީ މިފަދަ ހާލަތްތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައި ބުނީ، ވިއްސާރަ ދުވަސްތަކުގައި މީހުން އުފުލާ އުޅަނދު ފަހަރުގައި ދަތުރުކުރާއިރު އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަައި ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށެވެ. އެ އޮތޯރިޓީން ވަނީ ކަނޑުދަތުރު ކުރާއިރު އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިން އަދި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހަނދާން ކޮށްދީފައެވެ.

  • އުޅަނދަށް ފަސިންޖަރުން އަރުވާފައިވަނީ ހުއްސަ ކޮށްފައިވާ މިންވަރަށް ކަން ޔަގީން ކުރުން.
  • ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން.
  • ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން.
  • މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން.
  • ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާ ވަރަށް ތެލާއި، ހަކަތަ އަދި ފެން ހުރިކަން ޔަގީން ކުރުން.
  • ކުރުމަށް ހަމަޖެހިފައިވާ ދަތުރު ސަލާމަތާއި ރައްކާތެރި ކަމާއިއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން.
  • މޫސުމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުން.
  • ފަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރިކަމާއެކު ކަން ކަށަވަރުކުރުން.
  • ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން.

ޓްރާންސްޕޯޓް އޮތޯރިޓީން ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވާއިރު، ހދ. ނޮޅިވަރަމްފަރުން އެ އަތޮޅު ހަނިމާދޫ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް، ހަނިމާދޫ ކަނޑިންމައިން އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކު ލޯންޗު ފުރޮޅާލާފައެވެ. މި ލޯންޗުގައި 10 މީހުން ދަތުރު ކޮށްފައި ވާއިރު، އެ 10 މީހުންގެ ތެރެއިން ޖުމްލަ ފަސް މީހުން ވަނީ މަރުވެފައެވެ. އެގޮތުން، މި ހާދިސާގައި މަރުވީ އެއް އާއިލާއެއްގެ ހަތަރު މެންބަރުންނާއި، ނޮޅިވަރަމްފަރު ސްކޫލުގައި ކިޔަވައިދޭ ޓީޗަރެއްގެ އަންހެނުންނެވެ.