ފުވައްމުލަކުން އައްޑޫ އަތޮޅަށް މޫސުމާ ބެހެ އިދާރާ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، ފުވައްމުލަކުން އައްޑޫ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އާ ދެމެދަށް ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުންވެސް، މިއަދު ހެނދުނު 6:10 އިން ހެނދުނު 10:30 އާ ދެމެދަށްވެސް މެތް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ގއ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވަމުން ދާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުގެ އިތުރުން އެމްއެންޑީއެފުންނާއި ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ރާއްޖޭގެ އުތުރަށް ޔެލޯ އެލާޓް ނެރެފައި ވަނިކޮށް ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ވަނީ ބަނޑުން ޖަހާލާފައެވެ. އެ ލޯންޗުގައި 10 މީހުން ދަތުރުކުރި އިރު 5 މީހުން ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ދެމަފިރިންނާއި އެ ދެމަފިރިންގެ މާމަ/ކާފަ ދަރިއެއްގެ އިތުރުން ދެ އަންހެނުންނެވެ. މަރުވި ކުޑަކުއްޖާގެ އުމުރަކީ ގާތްގަނޑަކަށް އެއް އަހަރެވެ.
މީގެ އިތުރުން މިއަދު ހެނދުނު ގެ ވަގުތެއްގައި ވ. ފިއްލަދޫއަށް ވަނީ ނަގޫރޯޅިއެއް އަރާ ފަސް ގެއަކަށް އެކިވަރުގެ ގެއްކުންތައް ވެފައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރޭގެ ވަގުތެއްގައި މާލެއަށް ވެސް ވަނީ ރޭގަނޑު 11:00 އިން ފެށިގެން ވާރޭ ވެހިފައި ވެއެވެ. ނުހުއްޓި އެތައް އިރަކު ބޯކޮށް ވާރޭ ވެހުމާއެކު މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެފައި ވެއެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ، ރޭގެ ދަންވަރު 1:30 ހާއިރު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުތަކުން ފެން ހިއްކުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.