މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރު ކުރި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ. އެ މައްސަލާގައި މަލްއާއެކު އިތުރު އަންހެނަކު ވެސް ހައްޔަރުކޮށްފައި ވެއެވެ.

އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.