ސިނަމާލެ ބުރިޖްގެ ބައެއް ބަންދުކޮށް މި ހަފްތާ ބަންދުގައި ބްރިޖް އިންސްޕެކްޓް ކުރުމަށް ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސިނަމާލެ ބުރިޖް ބޭނުންކުރާތާ އެއް އަހަރުވުމާ ގުޅިގެން ބްރިޖްގެ އަހަރީ އިންސްޕެކްޝަން ހެދުމަށްޓަކައި މާދަމާ އަދި އޭގެ އަނެއްދުވަހުގެ ބައެއް ވަގުތުތަކުގައި މާލެއިން ހުޅުމާލެ އަދި ހުޅުލެއަށްދާން އޮންނަ ފަޅީގެ ދެ ލޭން ބަންދު ކުރެވޭނެ ކަމަށެވެ.
އަދި ބުރިޖް ބަންދު ކުރެވޭ ވަގުތުތަކުގައި ހުޅުލެ އަދި ހުޅުމާލެއިން މާލެއަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ދެލޭނުން ދުއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
އިންސްޕެކްޝަނަށް ބުރިޖް ބަންދުކުރާ ގަޑިތައް؛
އޮގަސްޓް 30 (ހުކުރު) – ހެނދުނު 8:00 އިން މެންދުރު 2:00 އަށް
އޮގަސްޓް 31 (ހޮނިހިރު) - ހެނދުނު 8:00 އިން މެންދުރު 2:00 އަށް
ސެޕްޓެމްބަރު 6 (ހުކުރު) - ހެނދުނު 8:00 އިން މެންދުރު 2:00 އަށް
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ދުވަސްތަކުގައި އެސަަރަހައްދުގައި ޓްރެފިކް ފުލުހުން ވެސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި އެ ދުވަސްތަކުގައި ގެނެވޭ ބަދަލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު، ސިނަމާލެ ބްްރިޖް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.