ބޮޑެތި ކުށްތަކުގައި ހުކުމްކޮށްފައިވާ ގައިދީންގެ ތެރެއިން 79 ފަރާތަަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ.

މެންބަރު ނަސީމް ކުރެއްވި ސުވާލުގައިވަނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް މައާފުނުދެވޭނެ ބޮޑެތި ކުށްވެރިންގެ ތެރެއިން ކުށްވެރިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާދިމާކޮށް ދޫކޮށްފައިވާކަމުގެ ވާހަކަ ދެކެވޭ ކަމަށެވެ. އަދި 1 ޑިސެންބަރު 2018 ވަނަ ދުވަހުން ފެށިގެން 20 ޖޫން 2019 ވަނަ ދުވަހާ ހަމައަށް، ޖަލުހުކުމުގެ މުއްދަތުން ބައެއް އުނިކުރުމުގެ ސަބަބުން ކަމަށްވިޔަސް، ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑެތި ކިތައް ކުށްވެރިން މިނިވަންކޮށްފައިވޭތޯއާ އެއީ ބޮޑެތި ކުށްތަކުގެ ތެރެއިން ކޮން ކުށްތަކެއްގެ ކުށްވެރިންތޯ އަދި އެފަދަ ކިތައް ކުށްވެރިންގެ ހުކުމުގެ މުއްދަތުން ބައެއް އުނިކުރުމަށްފަހު ހޯމް މިނިސްޓްރީއަށް އަންގާފައިވޭތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ސޯލިހު އެއްވެސް ކުށްވެރިއަކަށް މައާފްދީފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ވެސް އެހެން ގައުމުތަކުގައި ވެސް އަލަށް ރައީސް ކަމަށް ނުވަތަ ދައުލަތުގެ އިސްބޭފުޅެއްގެ ގޮތުގައި ބޭފުޅަކު ހަމަޖެހިގެން ދިއުމަކީ އެވަގުތަށް ރައްޔިތުންގެ ހާލަތު ބެއްލެވުމަށްފަހު ރައީސް، އާންމު މައާފް ދެއްވުމުގެ އުސޫލެއް ގެންގުޅުއްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގައި ވެސް، އެ އާދަކާދައާ ސަގާފަތް ދެމިގެން ގޮސްފައިވާތީ، އަދި ރާއްޖޭގެ ޖަލުތަކުގެ ހައްގުނޫންގޮތުގައި މުއްދަތު ހޭދަކުރަމުންދާ ބައެއްފަރާތްތައް ހުރިކަމަށް ރައީސަށް ގަބޫލުފުޅުކުރެއްވޭތީ، ރައްޔިތުންގެ ހާލު ދެނެގަނެ ޖަލުތަކުގައި ތިބި ފަރާތްތަކުގެ ކުށްތަކަށް ނުވަތަ އަދަބުތަކަށް ރައީސަށް ދެވެން އޮތް ލުޔެއް، ނުވަތަ މައާފް ބެއްލެވުމަށްފަހުގައި ރައީސް ވަނީ ބައެއް ކުށްވެރިންނަށް މިދިޔަ މުއްދަތުގެ ތެރޭގައި މައާފް ދެއްވާފައި ކަމަށެވެ.

"ނަމަވެސް އެޕްރީލް 6 އެއްގެ ކުރިން ރައީސް ދެއްވި ލުޔަކުން ނުވަތަ މައާފަކުން ވިޔަސް ކުށްވެރިން މިނިވަންވެގެން ގޮސްފައި ނުވާނެ. މި މުއްދަތުގައި ރައީސް މައާފް ދެއްވުމުގެ އަސާސަކަށް ބައްލަވާފައިވަނީ، މައާފްދިނުމާއި އަދަބު ލުއިކޮށްދިނުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދަށުން،"
އިމްރާން

މިނިސްޓަރު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ މީހަކު މެރުމުގެ ކުށް، އިސްލާމީ ޝަރީއަތުގައި ހައްދުކަނޑައެޅިފައިވާ ކުށް، ޓެރަރިޒަމްގެ ކުށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް އަދި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް، މިއިން އެއްވެސް ކުށަކަށް ރައީސް މައާފް ނުދެއްވާ ކަމަށެވެ.

ނަމަވެސް އަދަބު ލުއިކޮށްދެއްވުމާ މައާފް ދެއްވުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދަށުން މި ކުށްތަކަށް ލުއިދެއްވާފައިވާނެ ކަމަށާއި، މި ކުށްތަކުގެ ތެރޭގައި ހިމެނޭ 79 ކުށްވެރިއަކަށް އަދަބު ލުއިކޮށްދީފައިވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައިވާ މީހުންނާ، ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެފައިވާ މީހުންނާ، ވައްކަން ކޮށްފައިވާ މީހުން މީގެ ތެރޭގައި ހިމެނިގެންވޭ، އެހެންނަމަވެސް، މިއިން އެއްވެސް މީހަކަށް ރައީސް މައާފް ދެއްވާފައިނުވޭ،"
އިމްރާން

އިމްރާން ވިދާޅުވީ ޑިސެމްބަރު 18، 2018 އިން ފެށިގެން ޖޫން 20، 2019 އާ ހަމައަށް 206 ކުށްވެރިން މިނިވަން ވެފައިވާ ކަމަށެވެ.