އެޕަލް ކުންފުނީގެ ސްމާޓް އެސިސްޓަންޓް "ސިރީ" މެދުވެރިކޮށް އެއްކުރާ މައުލޫމާތާ ސިރީކުރެން އަހާ ސުވާލުތަކުގެ ރެކޯޑިންގްއެއް ނުބަހައްޓާނެ ކަމަށް އެޕަލް އިންކޯޕަރޭޝަންއިން ބުނެފިއެވެ.

މީގެ އިތުރުން އެޕަލްގެ ރެކޯޑިންގްތައް ރިވިއުކުރުމަށް އަޑުއަހާއިރު، ކުންފުނިން ބޭރު ކޮންޓްރެކްޓްރުންނަށް އިއްވޭ އަޑުތައްވެސް މަދުވެގެންދާނެކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ.

އެޕަލްއިން މިމަހު ކުރީކޮޅު ވަނީ، ސިރީގެ ޖަވާބުތަކަކީ އެކަށީގެންވާ ޖަވާބުތަކެއްތޯ ބެލުމަށް، ސިރީގެ ރެކޯޑިންގްތައް އަޑުއެހުމަށް ހިންގި މަޝްރޫއެއް މަޑުޖައްސާލިކަން އިއުލާންކޮށްފައެވެ. ސިރީ ގްރޭޑިންގްގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއު މަޑުޖައްސާލީ އެޕަލްގެ ކަސްޓަމަރުންނާ ގުޅިފައިވާ ޒާތީ އަދި ސިއްރު މައުލޫމާތު، ބޭރުގެ ކޮންޓްރެކްޓަރުންނަށް އެނގެން ފެށުމުންނެވެ.

ނެދާލަންޑްސްގައި ހިނގި އޯޑިއޯ ލީކުކޮށްލި ހާދިސާއަކާ ގުޅިގެން، ގޫގްލްއިންވެސް ވަނީ ގޫގްލް އެސިސްޓަންޓްއާއި ކަސްޓަމަރުންނާ ދެމެދު ކުރާ މުއާމަލާތްތައް ރެކޯޑްކުރުންވެސް ހުއްޓާލާފައެވެ.

އެޕަލް މިހާރުވެސް ދަނީ މައުލޫމާތު އެއްކުރުމަށް ހިންގާ މަޝްރޫއުތަކުން ޖަމާކުރާ މައުލޫމާތުގެ އަދަދު މަދުކުރަމުންނެވެ.