ރާއްޖެ އިން ޑިއު ޕްރޮސެސް އާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާ، މިހާރު ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އެސެސްމެންޓް ޓީމުން ބުނެފިއެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެ އައިސްފައި ވަނީ ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ހުށަހަޅާފައި ވާތީ، ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް، ކަމާ ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރުމަށެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތު އެސެސްމަންޓް ޓީމުގެ ފަރާތުން ވަނީ ކޮމަންވެލްތާއި އަނބުރާ ގުޅުމަށް ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމްއިއްޔާގެ މެންބަރުކަން ރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ގަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން ގާއިމްކުރުމާއި، އިންސާނީ ހައްގުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނެއެވެ. މިނިސްޓަރު ޝާހިދުގެ ވާހަކާގައި މިސަރުކާރު ވެރިކަމަށް އައީއްސުރެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެސެސްމަންޓް މިޝަންއިން ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ކުރާ މަސައްކަތަށް ބާރު ލިބޭނެ ރެކޮމެންޑޭޝަނެއް ސެކްރެޓަރީ ޖެނެރަލްއަށް އަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން ކޮމަންވެލްތުގެ އެސެސްމެންޓް ޓީމާ ބައްދަލު ކުރައްވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވުމާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެއަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އެޕްރީލް މަހު އޮބްޒާވާ މިޝަނަށް ވެސް ވަޑައިގަތެވެ. މިނިސްޓަރު ޝާހިދު އެންމެ ފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައި ވަނީ މިއަހަރުގެ ޖޫން މަހު، ކަމްޕާލާ ކޮމިއުނިކޭގެ ދަށުން ރާއްޖެއިން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް އަލުން ވުމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ލިޔެކިޔުންތައް ހުށަހެޅުއްވުމަށެވެ.

ކޮމަންވެލްތު އެސެސްމަންޓް ޓީމުގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވާނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓާ ކަޓަލައިނާ ސަޕްލޯ، ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓާ ޖެނެރަލް ޑރ. އޭން ގެލެގާ، ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެޑްވައިޒާ ފޯ ޓްރޭޑް ކޮމްޕެޓެޓިވްނަސް ސުޖީވަން ޕެރޭރާ އަދި ސެކްރެޓޭރިއެޓްގެ ޕޮލިޓިކަލް އޮފިސާ ޖޮނަތަން ޗެންގެވެ.

ރާއްޖޭގެ ފަރާތުން މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް، އެމްބެސެޑާ އެޓް ލާޖް ޑރ. އާސިމް އަހުމަދު، އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިޒަލް އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އަހުމަދު ސަލްމާން ޒަކީއެވެ.