ސައުދި އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމުން، ކޮންސިއުލޭޓް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފަށައިފިއެވެ.

ސައުދި އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެދަށުން ޖިއްދާގައި ހުޅުވާ ކޮންސިއުލޭޓަކީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަދި މަދީނާއަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދިނުމުގެ މަގްސަދުގައި ހުޅުވާ ކޮންސިއުލޭޓެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ހައްޖުމޫސުމުގައި ހައްޖާޖީންނަށް ހިދުމަތްދިނުމަށް، ރިޔާޟްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ޖިއްދާގައި ވަގުތީ ހައްޖު މިޝަނެއް ގާއިމުކުރަމުން ގެންދިޔަ ކަމުގައިވީ ނަމަވެސް، މި މަސައްކަތް ނިމުމުން ކޮންސިއުލޭޓް މެދުވެރިކޮށް ހައްޖާއި އުމްރާގެ އަޅުކަންއަދާކުރާ ދިވެހި ރައްޔިތުންނަށް ދާއިމީކޮށް ހިދުމަތްދެވޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޖިއްދާގައި ކޮންސިއުލޭޓުގެ ހިދުމަތް ފަށާނެ ތާރީހެއް އެ މިނިސްޓްރީން ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށެވެ.