މަގާމު ގެއްލުނީ މުޖުތަމައުގައި މީހާގެ ނުފޫޒު ހުރި މިންވަރަށް ނުބަލައި ހުކުމް ކުރުމުގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފަނޑިޔާރު ދީދީ ނެރުއްވި ނޫސްބަޔާނުގައި ބުނީ، ރާއްޖޭގެ މަސްރަހު އޮތް ގޮތުން މަގާމުން ދުރުވެވަޑައިގަންނަވަން ޖެހޭ ފަދަ ދުވަހެއް އަންނާނެކަމުގެ އިހްތިމާލު ނެތް ކަމުގައި ނުބުނެވޭނެ ކަމަށެވެ. އެގޮތުން، މިއަދު އެނގިގެން ދިޔައީ ފަނޑިޔާރަކަށް ހުށަހެޅޭ މައްސަލައެއްގައި، މީހެއްގެ ގިންތިއަކަށް، ފަންތިއަކަށް، މުޖުތަމައުގައި އެމީހެއްގެ ނުފޫޒު ހުރި މިންވަރަށް އަދި ވިސްނުން ހުރި ގޮތަށް ނުބައްލަވައި ގޮތް ނިންމުމަކީ އޭގެ ސަބަބުން ފަނޑިޔާރަކު ކުރިމަތިލާން ބޭނުންނުވާ އެތައް ކަމަކާ ކުރިމަތިކުރުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރު ދީދީ ވިދާޅުވީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭ ފަދަ ފަނޑިޔާރުގެއެއް ގާއިމްވެފައި އޮތުން މުހިންމު ވަނީ މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ޒާތުގައި ލިބިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު ދީދީ ވަނީ އޭނާ އަކީ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެއްވެސް މީހަކަށް އަދި އަމިއްލަ ނަފްސަށް ވެސް އެއްވެސް ނުހައްގު މަންފާއެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ރާއްޖެއަކީ ހައްގަށް ނަސްރުދޭ އަދުލު އިންސާފަށް މަގުފަހިކޮށްދޭ ވެއްޓެއް ގާއިމްވެފައި އޮތުމަށް ފަނޑިޔާރު ދީދީ ވަނީ ދުއާ ކުރައްވާފައެވެ.

ފަނޑިޔާރު ދީދީ މިފަދައިން ވިދާޅުވެ ނޫސްބަޔާސް ނެރުއްވާފައި ވާއިރު، އޭނާ ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ އޭނާ މަގާމުން ވަކިކޮށް ދިނުމަށް، ޖުޑީޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، 72 މެންބަރުންގެ ވޯޓުންނެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ނިންމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ދިޔަ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ. އަދި އެ ފުރުސަތުގައި ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ދީފައިވާ ޖަވާބުގައި ތަހުގީގު ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތް ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.