ހދ. ހަނިމާދޫ ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް މުހައްމަދު ހަނީފު އަބްދުލްކަރީމަށް ނަސޭހަތްތެރިވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނޫސް ބަޔާނުގައި ބުނީ، އެ ކޮމިޝަނުން މެޖިސްޓްރޭޓް ހަނީފާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދިޔަ ޝަކުވާ، ތަހުގީގު ކުރި ކޮމިޓީން ނިންމާ ތަހުގީގު ރިޕޯޓް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ނަސޭހަތްތެރިވުމުގެ ފިޔަވަޅު އެޅުމަށް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްށީން ބުނީ، އެ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން، މެޖިސްޓްރޭޓް ހަނީފާ ބެހޭގޮތުން ތަހުގީގުކުރި ޝަކުވާއާ ބެހޭ ރިޕޯޓަށް ޖަވާބުދާރީ ވުމަށް މެޖިސްޓްރޭޓް ހަނީފަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް، ފަނޑިޔާރުންނާއި، ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކޮށް، އެ މައްސަލަތަކުގައި ޝާމިލްވާ ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުންނާއި މެދު ފިޔަވަޅު އަޅާފައެވެ.