ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާ ސްކީމްތަކުން ރައްޔިތުންނަށް ފައިދާވާ މިންވަރު ދެނެގަތުމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

މިނިސްޓަރު ޝިދާތާ ގޭގެއަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ، ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ތައާރަފުކޮށް ކުރިއަށް ގެންދާ ސްކީމްތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ފައިދާކުރާ މިންވަރު ދެނެގަތުމަށް ޓަކައެވެ. އެގޮތުން މިނިސްޓާރު ޝިދާތާ ވަނީ މިއަދު މާލެއާއި ވިލިމާލޭގެ ހަތަރު ގެއަކަށް ޒިޔާރްތކުރައްވާފައެވެ.

ސްކީމްތަކުން ރައްޔިތުންނަށް ފައިދާވާ މިންވަރު ދެނެގަތުމަށް ޖެންޑާ މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީން އެކުލަވައިލައިފައިވާ އިންޓަވެންޝަން ކޮމިޓީގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އިންޓަވެންޝަން ކޮމިޓީއަކީ ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެ ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އުފައްދައިފައިވާ ކޮމިޓީއެކެވެ.

ސްކީމްތަކުން ރައްޔިތުންނަށް ފައިދާވާ މިންވަރު ދެނެގަތުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓަރު ކުރައްވާ މި ޒިޔާރަތް ހާއްސަކޮށްފައި ވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ގޮންޖެހުންތައް ހުރި މާލީ ތަނަވަސްކަން ކުޑަ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނި ދަރިން ބަލަހައްޓާ ފަރާތްތައް ދިރިއުޅޭ އާއިލާތައް ހިމެނޭ ގެތަކަށެވެ. މި ޒިޔާރަތުގައި ސްކީމްތަކުން އާއިލާތަކަށް މަންފާކުރާ މިންވަރު ދެނެގަތުމާއި، މިހާރު ގާއިމުކޮށްފައިވާ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުން ހިމެނެއެވެ.

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާ ސްކީމްތަކުގެ ތެރޭގައި މެޑިކަލް ވެލްފެއާ އާއި، ހުސްނުވާ އާސަންދަ ސްކީމާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް އަދި ދާންމަތިވެފައިވާ ދޮށީ އުމުރުގެ މީހުންނަށް ކުރިއަށް ގެންދާ ހޯމް ވިސިޓިން ޕްރޮގްރާމްގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ފަގީރު ހާލަތުގައި ދިރިއުޅެމުން މައިން ބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ވެސް މި ސްކީމްތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓަރު ޝިދާތާ ވަނީ މީގެ ކުރިން ބާޒާރުމަތީ ސަރަޙައްދުގައި ބައެއް މީހުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ ސަލާންޖަހާ ކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކާ ބައްދަލުކޮށް، ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާފައެވެ.