ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ދެވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ހާރިޖީ ވުޒާރާގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި މަޝްވަރާތަކަކީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.
މި ބައްދަލުވުމުގައި، ދެޤައުމުގެ މެދުގައި އިގްތިސޯދީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ވާކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ޚަލީލުއެވެ. ޖަޕާނުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޝިގެކީ ޓަކިޒާކީއެވެ.
ޕޮލިސީ ޑައިލޮގަކީ އެއްބަޔަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ މައްސަލަތައް އެބައެއްގެ ނަޒަރުން ދެނެގަނެ، ސިޔާސަތެއް ނުވަތަ މަޝްރޫއެއް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް އެހީވެދޭ މަޝްވަރާތަކެކެވެ. ހަމަ މިއާއެކު ދެބައެއްގެ މެދުގައި ބާރުތައް ބަހާލެވިފައިވާ ގޮތް ބަލައިގަނެވިގެންދެއެވެ. ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ކުރިއަށް ގެންދާ ޕޮލިސީ ޑައިލޮގްގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، 2018 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.