ވަޒީފާއާ ބެހޭ ޓްރެބިއުނަލްގެ ރައީސް އަހުމަދު ޝިފާއު އިސްތިއުފާ ދެއްވައިފި އެވެ.

ޝިފާއު ވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވިކަން "ދަޕްރެސް"އަށް ޔަގީން ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްތިއުފާ ސިޓީވެސް މިއަދު ރައީސް އޮފީހަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ޝިފާއު އިސްތިއުފާ ދެއްވިއިރު އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ޝިފާއު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއަށް ގިނަބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެއީ އޭނާ ވަޒީފާއާ ބެހޭ ޓްރެބިއުނަލްގައި މަސައްކަތް ކުރައްވަމުން އޭނާގެ 50 ޕަސެންޓު ހިއްސާ އޮންނަ ލޯ ފާމެއް އޮންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.

މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ޓްރެބިއުނަލްގެ މެންބަރުން ހާޒިރުކުރި ދުވަހުވެސް ވަނީ ސުވާލު ކުރައްވާފައެވެ. އެ ދުވަހު ޝިފާއު ވިދާޅުވީ ޓްރެބިއުނަލްގެ މެންބަރަކަށް ވެވަޑައިގެންނެވީ އޭނާގެ 50 ޕަސެންޓް ހިއްސާ އޮންނަ ލޯ ފާމުގެ ހިއްސާ ދޫކޮށް އެ ލިޔުންތައް ފާމަށް ހަވާލުކުރައްވާފައި ކަމަށެވެ.