މަޣްރިބް ނަމާދަށް މިސްކިތަށް އެރި މީހެއްގެ ފޯނު ވަގަށް ނަގައިފިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު އިރުއޮއްސި 6:30 ހާއިރު، މާލޭ މިސްކިތެއްގައި މަޣްރިބް ނަމާދަށް ހުރި މީހެއްގެ ފޯނު އޭނާގެ ފައި ކައިރީގައި ބާއްވާފައި އޮއްވައި ފޯނު މީހަކު ވަގަށް ނެގި މައްސަލަ ރޭ 7.20 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ނަމާދަށް ހުއްޓާ ފޯނު ވަގަށް ނަގައިފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ ފޯނު ވަގަށް ނެގި މީހާ ރޭ 10:19 ހާއިރު ހޯދާ، ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ޝައްކު ކުރެވޭ ފަރާތެއް އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި މިހާރު ވައްކަމާއި ފޭރުން ގިނަ ވަމުން ދާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މ.މުލީ ގެއަކުން 12000 ރުފިޔާގެ އަގުހުރި ފޯނެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިި ވެއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ފޯނު ފަޅު ގޯއްޗެއްގައި ފޮރުވާފައި ވަނިކޮށް ހޯދައިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދޭއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.