ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިޒަމް ފައިނަލައިޒް ކުރުމުގެ ގޮތުން ބާއްވާ ވޯކިން ސެޝަންތައް ފަށައިފިއެވެ.
މި ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ފަށާފައިވަނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އާއި، ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައެވެ. ދެ ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މި އެކްޝަން ޕްލޭންގެ މަސައްކަތަކީ 2018 ވަނަ އަހަރު މެއި މަހުން ފެށިގެން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން، ބޭރުގެ ތަޖުރިބާކާރުންގެ އެހީއާ އެކުގައި ކުރިއަށް ގެންގޮސްފައެވެ. މީގެ ކޮންމެ މަރުހަލާއެއްވެސް ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ޖަމްއިއްޔާތަކާ ވެސް މަޝްވަރާކޮށްގެންނެވެ.
ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ މި ފަދަ އެކްޝަން ޕްލޭނެއްގައި މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމުގެ މުހިއްމު ކަމަށާއި، ފިކުރީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމްއަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، މުޖުތަމައު، އަދި ވަކި ވަކި ފަރުދުން ޝާމިލްކޮށްގެން މަސައްކަތް ކުރުމަށް ވެސް އެ ބޭފުޅުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، އެންސީޓީސީގެ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ނޭޝަނަލް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި އަހަރުގެ ސެޕްޓެމްބަރު މަހު މި ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ކަމަށް އެ ސެންޓަރުން ބުނެއެވެ.
މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަދި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރުން އަދި އެންސީޓީގެ ޑައިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ސްޓްއަރިން ކޮމިޓީ އަދި ކައުންޓާ ރެޑިކަލައިޒޭޝަން ކޮމިޓީ ގެ މެންބަރުންނާއި، ނޭޝަނަލް އެކްޝަން ޕްލޭންގައި ޝާމިލްވާ ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.