ކޮރަޕްޝަން ނައްތާލުމަށް އޮޑިޓަރުންނާއި އެކައުންޓަންޓުންގެ ދައުރު ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ދަރުބާރުގޭގައި މިއަދު ފަށައި ކުރިއަށްދާ، ތިން ވަނަ މޯލްޑިވްސް އެކައުންޓަންސީ ފޯރަމް ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކޮށްފައި ވަނީ އިންސާފުވެރި ކަމާއި އަމާނާތްތެރި ކަމާ އެކުކަން ޔަގީން ކުރުމަށް އޮޑިޓަރުންނާއި އެކައުންޓަންޓުންގެ ޒިންމާ ބޮޑު ކަމަށާއި، އެ ފަރާތްތަކުގެ ފަންނީ ޒިންމާ، ފަސް ނުޖެހި ވަގުތުން ވަގުތަށް އަދާ ކުރަން ޖެހޭ ކަމަށެވެ.

އެކައުންޓަންސީ ފޯރަމުގައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުމަށް ދައުލަތުގެ މާލިއްޔަތު ކޮމެޓީން އެންމެ ބޮޑަށް ބަރޯސާ ވަނީ އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓު ތަކަށް ކަމަށާ، ސަރުކާރުގެ އާމްދަނީ އާއި ވަސީލަތްތައް ބޭނުން ކޮށްފައި ހުރީ ކިހިނެއްތޯ ބެލުމަށް ވެސް އެންމެ ބޮޑަށް ބަރޯސާ ވަނީވެސް އެ ރިޕޯޓު ތަކަށް ކަމަށެވެ. އަދި މަޖިލީހުން ދިރާސާ ކުރި އޮޑިޓް ތަކަށް ބަލާއިރު، ކުންފުނިތަކުގެ ގަވަނަންސާއި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށް ކޮލިފައިޑް އެކައުންޓަންޓުންނާއި މާލީ ފަންނުވެރިން ހޯދަން ޖެހިފައިވާ ކަން ނާޝިޒް ފާހަގަ ކުރެއްވިއެވެ.

ނާޝިޒް ވިދާޅުވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މާލީ މުވައްޒަފުންނާ އެއްވަރަށް ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވާންޖެހޭ ކަމަށާއި، ޕަބްލިކް އެކައުންޓުތައް އެކައުންޓަބަލް ކުރުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އެކައުންޓަންޓުންނާއި އޮޑިޓަރުންގެ ރޯލު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓަންސީ އޮގަނައިޒޭޝަންގެ ބިލަށް އިސްކަން ދެއްވައި އެ ބިލް ވީހާވެސް އަވަހަށް ފާސް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ނާޝިޒް ވަނީ، ރާއްޖޭގެ އޮޑިޓިންގް އަދި އެކައުންޓިންގް ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އަދި އެ މަސައްކަތަށް މާލިއްޔަތު ކޮމިޓީގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ނާޝިޒް ދެއްވިއެވެ.