ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ނެތުމުން ފުލްސްޓޮޕް ޖެހޭނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ވަކި ބަޔަކު ނެތުމުން ޕާޓީގެ ހިންގުން ނުހުއްޓޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވަމުން ޝުޖާއު ވަނީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ޕީއެންސީގެ މުހިންމު ކަންތައްތަކެއް އާންމު ކުރެވިގެން ދާނެ ކަމަށާއި، ޕާޓީ ވަރުގަދަވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
ޝުޖާއު މި މޭރުމުން ޓްވީޓް ކުރެއްވީ، އިއްޔެއާ ހަމައަށް ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދެވި، އަހުމަދު ނިހާން ހުސެއިން އެ ޕާޓީއާ ވަކިވެ ވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންނެވުމާ ގުޅިގެންނެވެ.
ރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު ނިހާނާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފްގެ އިތުރުން، ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދު ހިމެނެއެވެ. އަދި މީގެއިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެރެނަލްގެ މަގާމު ފުރުއްވި އިގްބާލް އާދަމާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ވަނީ ޖޭޕީއަށް ސޮއި ކުރައްވާފައެވެ.
މި ފަރާތްތަކުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. ރޭ ޖޭޕީއަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ސޮއި ކުރައްވާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ޖޭޕީން ރޭ ބޭއްވި ހަފްލާފައިން އޭނާ ފެނިފައެއް ނުވެއެވެ.