އަސްކަރީ ވައިގެ ހަނގުރާމަތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެންމެ ޒަމާނީ ބޯޓުތައް ބޭނުންކޮށްގެން ޕާކިސްތާނާ ޗައިނާއާއިން ކުރިއަށްގެންދާ ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާ (އައި.އޭ.އެފް)އިން ބުނެފިއެވެ.

ޗައިނާގެ ހޯތޯން ސިޓީގައި ކުރިއަށްދާ ތަމްރީނުތަކުގައި ޗައިނާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއިންވެސް ބޭނުން ކުރަމުން ދަނީ އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓުތައް ކަމަށް ޚަބަރު ލިބެއެވެ.

އައި.އޭ.އެފްގެ އޮފިޝަލުން ވިދާޅުވީ "ޝާހީން" ގެ ނަމުގައި ކުރިއަށްދާ ތަމްރީނުތައް ކުރިއަށްދަނީ އިންޑިއާގެ ލަދަކްގެ ސިޓީއެއް ކަމަށްވާ ލޭގެ އެންމެ 200 ކިލޯމީޓަރު އުތުރުން އޮންނަ ސަރަހައްދެއް ކަމަށެވެ. އަދި ޕާކިސްތާނުންވަނީ ޗައިނާއަށް ދަތުރުކުރުމުގެ ކުރިން، ގިލްގިލްޓް ބަލްޓިސްޓާން ސަރަހައްދުގައި އެގައުމުގެ އަސްކަރީ ބޯޓުތައް ރުކުރުވާލާފައި ކަމަށްވެސް އައި.އޭ.އެފްގެ އޮފިޝަލުންވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނަކީ ޗައިނާއިން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އެންމެ ފުޅާދާއިރާއެއްގައި ލިބެމުންދާ އެއް ގައުމެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހޫނުވެގެންދިޔަ އަސްކަރީ ކުރިމަތިލުންތަކުގައިވެސް ޕާކިސްތާނުންވަނީ ޗައިނާގެ އަސްކަރިއްޔާގެ މައްޗަށް އިންތިހާއަށް ބަރޯސާވެފައި ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ.

މިދަނޑިވަޅަކީ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލާފައިވާ ދަނޑިވަޅެކެވެ. މި ބަދަލާއެކު ލަދަކްއަކީވެސް ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުވެފައިވާއިރު، މިކަމާ ޗައިނާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.