ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާ އެކު ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރުންތަކެއް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މިރޭ ސޮއި ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ސޮއި ކުރެއްވި މަޖިލިސް މެންބަރުންތަކަކީ 18ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އަދި ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދުވެސް މިރޭގެ މި ހަފްލާގައި ވަނީ ޖޭޕީއަށް ސޮއި ކުރައްވާފައެވެ. މީގެއިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެރެނަލްގެ މަގާމު ފުރުއްވި އިގްބާލް އާދަމް ވެސް ވަނީ މިރޭ ޖޭޕީއަށް ސޮއި ކުރައްވާފައެވެ. މި ބޭފުޅުންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުވެސް ވަނީ ޖޭޕީއަށް ސޮއި ކުރައްވާފައެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ވަކި ބަޔަކާ ޖައްސާލައިގެން އުޅޭ ޕާޓީއެއް ނޫން ކަމަށެވެ. ޖޭޕީއަކީ އަބަދުވެސް ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވެ އަޒްލީން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމަކީ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. އަޒްލީން ވިދާޅުވީ ޖޭޕީއަށް ޕީޕީއެމްއާއި ޕީއެންސީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ އެއްވެސް އިރަކު ކުރިއާލާ ރާވައިގެން ނޫން ކަމަށާ މިރޭ ކުރިމަތިވެގެން ދިޔައީ އިއްތިފާގެއް ކަމަށް އަޒްލީން ވިދާޅުވިއެވެ.
މި ފަރާތްތަކުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. މިރޭ ޖުމްހޫރީ ޕާޓީއަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ސޮއި ކުރައްވާނެ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެމަނިކުފާނު މި ހަފްލާއަކުން ފެނިފައެއް ނުވެއެވެ.