ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ނާއިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދާއި އެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހްމަދުވެސް ޕީޕީއެމްއިން ވަކިވެ، ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

"ދަޕްރެސް"އާ ވާހަކަދައްކަވަމުން އަޒްލީން ވަނީ ޖޭޕީއާ އޭނާ ގުޅިވަޑައިގަންނަވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ޖިހާދު ފޯނަށް ޖަވާބު ނުދެއްވާތީ އެމަނިކުފާނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެނގިފައިވާ ގޮތުގައި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފައި ނުވާ ޖިހާދުވެސް މިރޭ ޖޭޕީއަށް ސޮއި ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަޒްލީނާއި ޖިހާދުގެ އިތުރުން އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ޕީއެންސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މިރޭ ޖޭޕީއަށް ސޮއި ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފަރާތްތައް ޕީޕީއެމްއާ ކުރީގެ ރައީސް ޔާމީންގެ ލީޑާޝިޕާއި ދުރަށް ވަޑައިގެންނެވި އަސްލު ސަބަބެއް ހާމައެއް ނުކުރައްވައެވެ. ޖޭޕީއަށް ދާދިފަހުން ވެސް ވަނީ ވަރަށް ގިނަ އާއްމު މެންބަރުންތަކެއް ސޮއި ކޮށްފައެވެ.