ޕީއެންސީގެ ނައިބު ރައީސް ކަމުން އަހުމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވައިފިއެވެ.

ނިހާން ޕީއެންސީން އިސްތިއުފާ ދެއްވި ކަން އޭނާ މިއަދު ކުރެއްވި ޓްވީޓަކުން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކީއްވެ ކަން ހާމައެއް ނުކުރައްވައެވެ.

ނިހާން ޕީއެންސީއާ ވަކިވުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޕީއެންސީން ނިހާން ވަކިވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ނިހާނަކީ ވަރަށް ގިނަ ދުވަހު ސިޔާސީ އެއް ޕްލެޓްފޯމެއްގައި ހުންނެވި ސިޔާސީ ލީޑަރެއް ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ވަނީ އޭނާއަށް ކާމިޔާބު ދުވަސްތަކަކަށް އެދިލައްވާފައެވެ.

ނިހާން ވަނީ މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމާއި، ވިލިމާލެ ދާއިރާގެ މެންބަރު ކަން ކުރައްވާފައެވެ. ނަމަވެސް މިދިޔަ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިގެން ނާކާމިޔާބީއާ ކުރިމަތިވެފައި ވަނިކޮށް، އޭނާ ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު ކަމުންނާއި، ޕީޕީއެމްގެ މެންބަރު ކަމުން މިދިޔަ އޭޕްރީލް މަސް ތެރޭގައި އިސްތިއުފާ ދެއްވާ ޕީއެންސީއާ ގުޅި ވަޑައިގެންފައެވެ.

މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕީއެންސީގެ ނައިބު ރައީސް ކަމުން ނިހާން ވަކިވެ ވަޑައިގެންނެވި އިރު، އޭނާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅޭ ގޮތުން ޖޭޕީން ބުނީ، މިރޭ އެޕާޓީއާ ގިނަ އަދަދެއްގެ މެންބަރުން ގުޅި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، ނިހާން، އެ ޕާޓީއާ ގުޅި ވަޑައިގަންނަވާނެ ކަމެއް އެ ޕާޓީން ކަށަވަރު ކޮށް ދީފައެއް ނުވެއެވެ.